އަންކާރާ (ފެބްރުއަރީ 27) - މިމަހުގެ ކުރީކޮޅު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކާ ގުޅުންހުރި 184 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބެކިރް ބޮޒްޑާގް ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މިމަހުގެ ކުރީކޮޅު ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ކޮންޓްރެކްޓަރުންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި އިމާރާތްތަކުގެ ވެރިފަރާތްތަކާއި މެނޭޖަރުން ވެސް ހިމެނޭ ކަމަށް ބޮޒްޑާގް ވިދާޅުވި އެވެ.

މި މައްސަލާގައި "ޝައްކުކުރެވޭ" 612 މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމާރާތްތަކުން ހެކި ދެނެގަތުމަކީ ޖިނާއީ ތަހުގީގެއް ހިންގުމުގެ އަސާސެއްގެ ގޮތުގައި ކުރިއަށްދާ ކަމެއް،" އޭޕީއިން ބުނެފައިވެ އެވެ.

ތުރުކީގެ ކޮންސްޓްރަކްޝަން ގަވައިދުތަކަކީ މިހާރު ބިންހެލުމާއި އިންޖިނިއަރިންގެ މިންގަނޑުތަކަށް ފެތޭ ކޯޑްތަކަކަށް ވީ ނަމަވެސް، އެ ކޯޑްތައް ތަންފީޒު ކުރަނީ ވަރަށް މަދުން ކަމަށާއި، އެހާ ގިނަ އިމާރާތްތައް ވެއްޓުނީ އޭގެ ސަބަބުން ކަމަށް ސާފުވާ ކަމަށް އޭޕީއިން މީގެ ކުރިން ބުނެފައިވެ އެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ހާދިސާގައި އެ ގައުމުގެ 173،000 އަށް ވުރެ ގިނަ އިމާރާތް ވެއްޓި އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ތުރުކީ އާއި ސީރިއާގެ އެކި ހިސާބުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 50،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.