ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަން މަރާލި މައްސަލާގައި ދައުވާ ލިބޭ ދެ މީހުންނަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޒިޔަދަމް މަރާލަފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ރޭ މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އެވެ. ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ. އަދި އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެެވެ.

އެމައްސަލަގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

މި ދެ މީހުންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.

މި މައްސަލައިގައި ޝަނޫނަށް މަރަން އަދި އަލީ ސިފާމް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޒިޔަދަމްގެ ހުރިހާ ވާރިސުން ވެސް ޝަރީއަތުގެ މަޖިލީހުގައި ވަނީ ގާތިލުންނަށް މަރަށް މަރުގެ އަދަބު ދިނުމަށް އެދިފަ އެވެ.

އާއިލާގެ ހުރިހާ އެންމެންވެސް މަރަށް މަރު ހިފަން ބޭނުންވާ އިރު މިވަގުތު ޒިޔަދަންގެ މަންމަ ދުނިޔޭގައި ނެތެވެ. އެހެން ނަމަވެސް ޒިޔަދަން މަންމަ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.