90ގެ އަހަރުތަކުގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެއް ބޮލީވުޑް ފިލްމަކީ އަދިތްޔާ ޗޯޕްރާ ޑައިރެކްޓްކުރި ދިލްވާލޭ ދުހްހަނިޔާ ލޭ ޖަޔޭންގޭ އެވެ. ފިލްމަށް 28 އަހަރު ވެފައިވާއިރު މިއަދުވެސް ސިނަމާ ތަކުގައި އެ ފިލްމު ދައްކަމުންދެ އެވެ.

ކުރީގެ ހިޓް ފިލްމުތައް އަލުން ރީމޭކް ކުރުމުގެ ޓްރެންޑެއް ބޮލީވުޑްގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައި އެ ފިލްމުގެ ރީމޭކެއް ހަދަން ބޭނުންނުވާ ކަމަށް ފިލްމުގެ ބަތަލާއެއްގެ ރޯލުން ފެނިގެންދިޔަ ކާޖޮލް މިވަނީ ބުނެފަ އެވެ.

ކާޖަލް ބުނީ ދިލްވާލޭ ދުހްހަނިޔާ ލޭޖަޔޭންގޭއާއި ކަބީ ޚުޝީ ކަބީ ޣަމް ފަދަ ފިލްމުތައް އަލުން ކިތަންމެ ފަހަރަކު ހެދި ނަމަވެސް ކުރީގެ ޖާދޫ ތަކުރާރު ނުވާނެ ކަމަށެވެ.

އެފަދަ މޮޅު ފިލްމުތައް ހެދޭނީ މަދު ފަހަރަކު ކަމަށާއި އެހެން ކަމުން އޭގެ ރީމޭކެއް ހަދައިގެން އަސްލު ފިލްމުގެ ތާރީހު އޮޅުވާލަން ބޭނުންނުވާ ކަަމަށް ވެސް ކާޖޮލް ބުންޏެވެ.

މި ދެ ފިލްމަކީ ވެސް ފިލްމު ފުރަތަމަ އެޅުވި ދުވަހުން ފެށިގެން ވެސް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ދެ ފިލްމެވެ. މިއަދުވެސް މި ފިލްމުތައް އެތައް ބަޔަކު ބަލަ އެވެ.

ކާޖޮލްއާއި ޝާހްރުކް ޚާން އެކީގައި ފެނިގެންދިޔަ މި ދެ ފިލްމު ކާމިޔާބު ވުމުގައި އެދެމީހުންގެ ޖޯޑުގެ މަގުބޫލުކަން ބޮޑު ދައުރެއް އަދާކޮށްފައިވެ އެވެ.

ދާދި ފަހުން ޝާހްއާއި ކާޖޮލް ވަނީ ދިލްވާލޭ ދުހްހަނިޔާ ލޭޖަޔޭންގޭ ސިނަމާތަކުގައި ދައްކާތާ 28 އަހަރު ފުރުން ފާހަގަ ކޮށްފަ އެވެ.