ކޮވިޑް -19 އާ ގުޅިގެން ޑުބާއީ ކުންފުންޏަކާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގަންނަން ހަވަލުކޮށް އެ ވެންޓިލޭޓަރުތައް ރާއްޖެ ނުގެނައި މައްސަލާގައި ދުބާއީ ކުންފުންޏާ ދެކޮޅަށް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން މައްސަލަ ހުށަހަޅައިފި އެވެ.
ކޮވިޑް -19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތް ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހު އެވެ. އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅާފައި ވާކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އޭޖޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާއާ ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32 މިލިއަން ރުފިޔާ ހޯދުމަށް ކަމަށެވެ. އަދި އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވެސް އެދިފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
މީގެ އިތުރުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލަ މީގެ ކުރިން އޭސީސީ އިން ތަހުގީގު ހިންގާ ދައުވާކޮށްދޭން އެދިފައިވި ނަމަވެސް ފުރިހަމަ ތަހުގީގެއް ކުރެވިފައި ނެތް ކަމަށްބުނެ ޕީޖީން މައްސަލަ ފޮނުވާލާފައިވެއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ. އަދި އެމައްސަލާގައި ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފޫޅުންނަށް ތުހުމަތު ކުރެއެވެ.