ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ އޮފީސް ބިލްޑިންގް ކައިރީގައި އޮންނަ ޕާކިން ޒޯން ބަންދުކުރީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނަގަން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ވެލާނާގެ ކައިރީގައި މަގުމަތީގައި ޕާކުކުރުމުން ފުލުހުން ސްޓިކާ ޖަހަން ފެށުމުން އެތަނުގައި މިހާރު ވެހިކަލްތައް ޕާކެއް ނުކުރެ އެވެ. އަދި އެތަނުގައި ޕާކު ނުކުރެވޭތީ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ޝަކުވާކުރަމުންނެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގާއިމްކުރި އެ މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުމެއް ނުކުރެ އެވެ.

އެ ސަރަހައްދުގެ އިތުރުން، ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ވެސް ގިނަ އުޅަނދުތައް ޕާކްކުރެވޭނެ ގޮތް ހެދި ނަމަވެސް އެ ސަރަހައްދު މިހާރު ވަނީ ފެންސު ޖަހައި ބަންދުކޮށްފަ އެވެ. އެއާއެކު ވެލާނާގޭ އޮފީސް ޢިމާރާތުގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަނީ ޕާކް ކުރާނެ ތަނެއް މިހާރު ނެތެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޕީއެސްއެމް ނިއުސްއަށް ވިދާޅުވެފައި ވަނީ ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރޭން އެ ސަރަހައްދަށް ވައްދައިގެން ކަމަށާއި އެހެންކަމުން އެ ސިސްޓަމް އެ ތަނުން ނަގާތީ އެ ސަރަހައްދު ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސިސްޓަމް ނެގުމަށްފަހު، ވީހާ ވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެ ކަމަށާއި، އޭރުން ގިނަ އުޅަނދުތަކަށް ޕާކް ކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ވެލާނާގެ ކައިރި ޕާކިން ޒޯން ބަންދުކޮށްފައި ހުރުމުން، އެ ސަރަހައްދުގައި ޒޯނުން ބޭރުގައި ޕާކުކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ނުޖަހަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެ ސަރަހައްދުގައި މަސައްކަތް ހިނގަމުންދާ ވަގުތު ޒޯނުން ބޭރުގައި ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށެވެ. އަދި މެދުޒިޔާރަތާއި މުލިއާގެ އާއި، އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ނުރައްކާ ނުވާ ގޮތަށް ޕާކްކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

"އެ ސަރަހައްދުގައި މަސައްކަތް ކުރާކަން ދެނެގެން ޒޯނުން ބޭރުގައި އުޅަނދު ޕާކްކުރުމަކުން ސްޓިކާ ނުޖަހާނެ. އެހެނަސް އެއްވެސް ދުއްވާ އެއްޗަކަށް ނުރައްކާ ނުވާނެ ގޮތަށް ހުންނަންވާނީ.." ފުލުހުން ބުންޏެވެ.