ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ ކެފޭކަމަަށްވާ "ޖޫސް ޓައިމް" އަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ފުލުހުން ވަނީ ކެފޭއަށް ހަމަލާދިން މައްސަލައާ ގުޅިގެން ނެރުނު ކޯޓު އަމުރެއްގެ މަތިން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފަ އެވެ. އަދި މި އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ނުރައްކާތެރި ތަކެއްޗާއި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ އެންމެންނަކީވެސް ދިވެހިންނެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭކަމަށްވެސް އެނގިފައިވެ އެވެ.

ކެފޭއަށް ބަޔަކު ވަދެ ގެއްލުންދީފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގަ އެވެ. ކެފޭއަށް ގެއްލުންދޭ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ހެލްމެޓާއި މާސްކު އަޅައިގެން ހުރި ދެ މީހަކު ކެފޭގެ ކައިރިއަށް މަޑުކޮށް، އިރުކޮޅަކުން އެ ކެފޭއަށް ވަދެ މަރުތޭލުން ޖަހައި ކެފޭއަށް ބޮޑެތި ގެއްލުންދޭ މަންޒަރު ފެނެ އެވެ. އަދި އެމީހުން ވަނީ ފައިިސާ އަޅާފައިވާ ވަތްގަނޑު ތެރެއިން ފައިސާ ވެސް ނަގައިފަ އެވެ.

އެ ވަގުތު ކެފޭގެ ތެރޭގައި ހުރި މީހާ ބޭރަށް ނިކުމެ ދުއްވައިގަންނަ މަންޒަރު ވެސް ފެނެ އެވެ.