ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ލިޒާ ކޫޑްރޯއާއި ކޯޓްނީ ކޮކްސް އަދި ޖެނިފާ އެނިސްޓަންގެ އަސްލު ނަމުން ދަންނަ މީހުން ވަރަށް މަދުވާނެ އެވެ. އެހެން ނަމަވެސް އެއީ ފީބީއާއި މޮނިކާ އަދި ރޭޗަލްއޭ ބުނެފިނަަމަ މަދު މީހަކަށް ނޫނީ އެނގޭނެ އެވެ.

2000ގެ ކުރީކޮޅު ފެނިގެން ދިޔަ އެމެރިކަން ސިޓްކޮމް ފްރެންޑްސްގެ ބަތަލާއިންގެ ގޮތުގައި ފެނިގެންދިޔަ މި ތިން ތަރިންނަކީ މިއަދާ ހަމައަށް އައި އިރު ވެސް އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ތިބި ތަރިންނެވެ.

އެކަން ހާމަވި އެއް ކަމަކީ މިފަހުން ކޯޓްނީ ކޮކްސް (މޮނިކާ)އަށް އެެމެރިކާގެ ވޯލް އޮފް ފޭމްއިން ޖާގަ ލިބުނުއިރު އެންމެ ކައިރީގައި ތިބީ ޖެނިފާ (ރޭޗަލް)އާއި ލީޒާ (ފީބީ) ކަމަށް ވުމެވެ.

ކޯޓްނީއާ ބެހޭ ގޮތުން ޖެނިފާ ބުނީ ފްރެންޑްސް ކުޅުނު ދުވަސްވަރު އޭނާއާއި ލީޒާއާއެކު ވަގުތު ހޭދަކުރުމުގެ ބޭނުމުގައި އާއްމުކޮށް ކޯޓްނީ ނުކުރާ ކަންތައް ވެސް ކޮށްފައިވާ ކަމަށެވެ.

ކޯޓްނީއަކީ ހިތްހެޔޮ ރަނގަޅު އެންމެންނާ ވެސް ގުޅޭ މީހެއް ކަމަށާއި އެގޮތުގައި ދެމިހުރުމަށް ވެސް ޖެނިފާ ވަނީ ކޯޓްނީގެ ކިބައިން އެދިފަ އެވެ.

އެއާއެކު ލީޒާވެސް ވަނީ ކޯޓްނީގެ ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށާއި ކޯޓްނީއަކީ އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު ހިއްސާއެއް ކަމަށް ބުނެފަ އެވެ.

1994 ން 2004 ކަށް ކުރިއަށްދިޔަ ފްރެންޑްސް ސިޓްކޮމްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލުކަން ހޯދި އެއް ސިޓްކޮމް އެވެ. އެ މަގުބޫލުކަން މިއަދާ ހަމައަށް ވެސް ދެމި އެބަ އޮތެވެ.

ދާދި ފަހުން މި ތިން ތަރިން ވަނީ ޝޯގެ ފިރިހެން ތަރިންނާއެކު ފްރެންޑްސް ރީޔޫނިއަންގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީ ފިލްމަކުން ފެނިގެން ގޮސްފަ އެވެ.