ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި- އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ހަތަރު މީހަކު ކުރިމަތިލައިފި އެވެ.

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މިއަދުގެ ނިޔަލަށް އެ މުއްދަތު ހަމަވިއިރު ކުރިމަތިލީ ހަތަރު މީހެކެވެ.

ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ:

  • ކ. މާފުށީ ވިވިޑް- މުހައްމަދު މުސްތަފާ
  • ކ. މާފުށި މާފަރިވާގެ- ސަލްމާން ރަޝީދު
  • ކ. މާލެ ހ. ތާޅަފިލިގެ- އިބްރާހިމް ޝާޒް
  • ކ. ގުރައިދޫ ވެލި- އަބްދުﷲ ސައީދު އެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޑަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމީ އެ ދާއިރާގެ މެމްބަރު ކަމަށް ހުންނެވި އިބްރާހީމް ރިޒާ މިދޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުން ނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. ގުރައިދޫ ދާއިރާގައި ހިމެނެނީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.

ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަން ވެސް ކުރައްވާފައި އެވެ.