ސަރުކާރުގައި ވަޒީފާ އަދާކުރާ 15،000 އަށް ވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި މިރޭ ޖަލްސާގައި ރައީސް ވިދާޅުވީ މިނިމަމްވޭޖްގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އޭގެ މަންފާ ލިބެމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 13000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ހައްގުގައި ކުރެވުނު މުހިންމު އަނެއް ކަމަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ސާވިސް ޗާޖްގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލުތައް. އެ ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން 10 ޕަސެންޓްގެ ސާވިސް ޗާޖް ނެގުން ގާނޫނުން މިހާރު ވާނީ ލާޒިމްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނާއި، މަސައްކަތްތެރިންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް މި ސަރުކާރުން ކުރި އެންމެ މުހިންމު އެއްކަމަކީ މިނިމަމްވޭޖް ތައާރަފް ކުރުން ކަމަށެވެ.

މިނިމަމްވޭޖަކީ ގާނޫނުގައި ހިމެނިފައި އޮތްނަމަވެސް އެކަން ތަންފީޒު ކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.