ހިތުގެ %95 ބެދެން މެދުވެރިވި ނުރައްކާތެރި ހާޓް އެޓޭކަކުން ސަލާމަތްވީ ދިރިއުޅުމުގައި ގެންގުޅުނު ރަނގަޅު އާދަތަކުގެ ސަބަބުން ކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ހާޓް އެޓޭކެއް ޖެހި މުމްބާއީގެ ހޮސްޕިޓަލަކުން އެންޖިއޯޕްލާސްޓީ ހެދުމަށްފަހު މިހާރު ގޭގައި ފަރުވާ ހޯދަމުން އަންނަ ސުޝްމިތާ ބުނީ އޭނާއަށް ޖެހުނު ހާޓްއެޓޭކުން ސަލާމަތްވުމުގެ މައިގަނޑު ސަބަބަކަށްވީ އޭނާގެ ހަރަކާތްތެރި ދިރިއުޅުން ކަމަށެވެ.
ހާޓްއެޓޭކަށް ފަހު ފުރަތަމަ ފަހަރަށް އާއްމުންނަށް ދިން މެސެޖުގައި ސުޝްމިތާ ވަނީ ސިއްހަތަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި އެހެން ކަމުން އެކަމަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
"ބައެއް ފަހަރު ހިތަށް އަރައިފާނެ މިކަމުން ކުރާ އެއްވެސް ފައިދާއެއް ނެތޭ. އެކަމަކު އެކަމުން ކުރާ ފައިދާ އަހަރެމެންނަށް ނުފެނުނަސް ވަރަށް ބޮޑު" ޖިމަށް ދިއުމަށާއި ކަސްރަތު ކުރަން އިލްތިމާސް ކުރަމުން ސުޝްމިތާ ބުންޏެވެ.
މީގެ އިތުރުން ވެސް ސުޝްމިތާ ވަނީ ޒުވާން އުމުރުގައި ހާޓްއެޓޭކްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށާއި ހާއްސަކޮށް އަންހެނުން މިކަމަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފަ އެވެ.
މީގެ ދެ ދުވަސް ކުރިން ޖެހުނު ހާޓްއެޓޭކަށް ފަހު ސްޓަންޓެއް ލައްވާފައިވާއިރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.