ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ފަޒޫ) މެންގެއަށް ފުރަތަމަ ގެންދެވި ދުވަހު އެ މަނިކުފާނު ފެއްޓެވީ ރޯން ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ 58ވަނަ އަހަރީ ދުވަހު ފޮނުވި "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާއާ ފުރަތަމަ ބައްދަލުވީ ކިހިނެއްތޯ ޕްރެޒެންޓަރު ސުވާލުކުރުމުން ރައީސް ސާލިހު ވިދާޅުވީ އެއީ ވަރަށް ކުރިން، 80ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށެވެ. އެމަނިކުފާނާ ބައްދަލުވި ދުވަސް ކަމަށް ތާރީޚެއް ފަޒޫ ކޮންމެ ވެސް އެއްޗެއްގެ ފާސްވޯޑަކަށް ގެންގުޅުއްވާ ކަމަށެވެ.

"މިއީ އަދި އަޅުގަނޑު ނުދައްކާ ވާހަކައެއް. އަޅުގަނޑު ކުޑައިރު މާލެ ގެނެސް އެންމެ ފުރަތަމަ ކިޔަވަން ބެހެއްޓީ ފަޒޫމެންގޭގައި. އެއީ އަޅުގަނޑު ބައްޕައާއި ފަޒޫ ބައްޕައާ ވަރަށް ގާތްވާނެ. ވިޔަފާރީގެ ގުޅުން ވެސް އޮންނާނެ. އަޅުގަނޑު ގެ ދެ ދައްތައިން ވެސް ތިބީ އެ ގޭގައި. އަޅުގަނޑު މާލެއައީ މާމައާއެކީގައި ބޮޑުބޭބެ ކައިރީ ހުރެފައި މާމަ ފުރަންވީމަ އެގެއަށް ގެންދިޔައީ. ގެންދިޔައިން އަޅުގަނޑު ނުހުރިން އެގެއަކު. ރޯންފެށީ. ރޯންފެށި ގޮތަށް އެރޭ 12 ޖަހަންދެން ހުއްޓާނުލާ ރުއީ. އެންމެ ފަހުން އަޅުގަނޑު ގޮވައިގެން ބޮޑުބޭބެ ގެއަށް ގެންދިޔައީ. އެގޮތަށް އެގޭގައި ހުރެ ކިޔެވުން ނިމުނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު އެ ދުވަހު ރުއީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވީ އެ ދުވަހަކީ އެމަނިކުފާނާ ފަޒޫއާ ފުރަތަމަ ބައްދަލުވި ދުވަސް ކަމަށް ވެދާނެ ކަމަށެވެ. އެއީ ވަރަށް ކުޑައިރު ކަމަށާއި، އެދުވަހު އެގޭގައި ނުހުންނަންވެގެން ރުއި ނަމަވެސް މިއަދު މިއޮތީ ދެ މީހުން އެއްގެއެއްގައި އުޅެން ޖެހިފައި ކަމަށް ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ އާއިލާއާއެކު އުފަންރަށް ޅ. ހިންނަވަރުގައި އާއިލާއާއެކު އަހަރަކު ދެފަހަރު ނަމަވެސް ދިގު ޗުއްޓީއެއް ހޭދަކޮށްލަން އަބަދުވެސް ބޭނުންވާ ކަމަށެވެ. އެމަނިކުފާނުގެ ގޯއްޗެއް ހިންނަވަރުގައި އޮންނަ ކަމަށާއި އަދި ގެ ނެހެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ރިޓަޔާމަންޓަށް ދާންވާއިރަށް ގެ ވެސް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަޖިލިސް މެމްބަރަކަށް ހުންނެވި ދުވަސްވަރު އަހަރަކު ދެތިން ފަހަރު އުފަން ރަށަށް ވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ވެސް ރަށުގައި ތިއްބަވާ އެމަނިކުފާނުގެ ޢާއިލާގެ މެމްބަރުންނާ އަދި ރަށްޓެހިންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ރައީސް ސާލިހުވަނީ އެހުންތެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ.