ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފި އެވެ.
މީރުމާގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް އެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 28.5 މިލިޔަން ޑޮލަރަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ވިދާޅުވީި އައްޑޫގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަކީ އެއާޕޯޓް މަޝްރޫއާ ގުޅި ލާމެހިފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި އެއާޕޯޓުގެ މަސައްކަތް ނިމިގެންދާއިރު، ގަން އިންޓަރނޭޝަނަލް އެއާޕޯޓް ވެގެންދާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިޕްރޮޖެކްޓާއެކު އައްޑޫ އެއާޕޯޓުން އިތުރު ކަންތައްތަކެއް ކުރުމަށް ވެސް ހަމަޖެހިފައި އެބަވޭ. އެގޮތުން ގަމުގައި 130 ކޮޓަރީގެ ދޫގަސް ހޮޓަލާއި 50 ކޮޓަރީގެ ބުޓީ ކޮޓަރީގެ މަސައްކަތްތައް ފެށިގެންދާނެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް އައްޑޫ ސިޓީއާއި ދެކުނުގެ އިގްސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ މަސައްކަތްތަކެއް. އެއާލައިންތަކާއި ޕަސިންޖަރުންނާއި ވިޔަފާރިވެރިންނާއި ރިސޯޓް، ގެސްޓްހައުސް ހިންގާ މީހުންނަށާއި ރައްޔިތުންނަށް މަންފާ ކުރާނެ،" ގައިސް ވިދާޅުވި އެވެ.
އިންޑިއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދާ ބާރުދުވެލީގައި އައްޑޫ އެއާޕޯޓުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަން ފާހަގަކުރައްވާފަ އެވެ.
ސަފީރު ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މިމަޝްރޫއުތަކާއެކު އައްޑޫ ސިޓީއަށާއި އެ ސަރަޙައްދުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މިހާރު ވެސް ވަނީ އިތުރުކޮށްފައި. މިގޮތުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަރައްޤީކުރުމާއި، މަސް ބަންދުކުރާ ތަނާއި ޑިޓޮކްސް ސެންޓަ ފަދަ ތަންތަން ހިމެނޭ. މި މަޝްރޫއުތަކަކީ މިހާރުވެސް ނިމެމުން އަންނަ މަޝްރޫއުތައް،" މުނޫ މަހާވަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރެވިގެންދާނެ އެވެ. އަދި އެއާޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާއާތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ގާއިމުކުރުމާއި، އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.