ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ނިންމާ، ބޭނުންކުރަން ފެށޭނީ 2025 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފި އެވެ.
ޕީ.އެސް.އެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު އިއާދު ހަމީދު ވިދާޅުވީ، ކުރިއަށްއޮތް ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރ މަސައްކަތު ސައިޓުގައި މޮބިލައިޒްވާނެކަމަށެވެ. އަދި ކޮންޓްރެކްޓުގައި ސޮއިކުރެވުމާއެކު މަޝްރޫއު ޑިޒައިންކުރުމުގެ މަސައްކަތާއި، މިކަމަށް އަމަލީ ސިފަ އަންނަ ތަން ސައިޓުން ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އިއާދު ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ކަނޑައަޅާފައިވަނީ ދެ އަހަރު ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ، އެހެންކަމުން 2025 ވަނަ އަހަރު މި މަޝްރޫއު ނިމޭއިރު އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބޭނެ ހިދުމަތްތަކާއި ވަސީލަތްތައް، ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. މި ވަސީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަސީލަތްތައް ހިމެނެ އެވެ. މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގު ތަކާއި ޕާކިންގ ސަރަޙައްދުތައް މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.
ތިގަން ބާއްވާ 140އަހރު ތިވާހަކަ ދެއްކިއްޖެ