މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލެއިން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހަައިފި އެވެ.

ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައި ވަަނީ އޭނާގެ ބަންދަށް މީގެ ކުރިން ޖެހި 60 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ނިޒާމްގެ ބަންދަށް 60 ދުވަސް ޖަހާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ.

ތަހުގީގުން ހާމަވިގޮތުގައި ލިޓަން މަރާލީ ކ. ގަލުފަޅު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ. އެ ކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު 28ގެ ރޭ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައެވެ. މީގެ އިތުރުން އެ ދޯނީގައި ހުރި ލިޓޮންގެ 51،000 އަށްވުރެ ގިނަ ރުފިޔާ ނިޒާމް ވަގަށް ނަގައިފައިވާކަން ވެސް ތަހުގީގުން ހާމަވި ކަމަށް ދައުވާގައިވެ އެވެ.

ނިޒާމްގެ މައްޗަށް ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާ އުފުލީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު އެ ތަނުން 3.2565 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މަސްތުވާތަކެތި ގަތީ، ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ވެސް ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެ އެވެ.