މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ރެނޭ ކޮސްމެޓިކްސްގެ ފްރެގްރޭންސް ކެޓަގަރީގެ އެމްބެސަޑަރަކަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރު ހަމަޖައްސައިފި އެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ޖާންވީ ބުނީ ރެނޭއާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށާއި އެ ބްރޭންޑަކީ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ގެނެސްދޭ ބްރޭންޑެއް ކަމަށެވެ.

ރެނޭ ކޮސްމެޓިކްސްގެ ކޯ ފައުންޑާ އާޝްކާ ގޮރާޑިއާ ބުނީ ޖާންވީއާއެކު މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ވެސް ލިބުނު ފަހުރެއް ކަމަށާއި ޖާންވީއާއެކު ރެނޭ އިތުރު ކާމިޔާބީތައް ހޯދާނެ ކަން ޔަގީންކުރާ ކަމަށެވެ.

ރެނޭ ކޮސްމެޓިކްސްއިން ވަނީ މިފަހުން ތިން ސެންޓެއް ނެރެފަ އެވެ. ބްލޫމް، ޑާކް ޑިޒަޔާ އަދި އޯޔޫޑީ ނަމަކަށް ކިޔާ އެ ސެންޓްތައް މިހާރު ބާޒާރުގައި ލިބެން ހުންނާނެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ވެސް ޖާންވީ އަންނަނީ ކުރިއަށްހުރި ގިނަ ޕްރޮޖެކްޓްތަކެއްގައި ހަރަކާތްތެރި ވަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ވަރުން ދަވަންއާއަކު ބަވާލް ކިޔާ ފިލްމަކުންނެވެ.