ތަމްރީނާއި ތަޖްރިބާ ހޯދުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންތަކެއް އިންޑިއާއަށް ހިނގައްޖެ އެވެ.

މިއީ އިން ސާވިސް ޓްރެއިނިން އޮފް އެޓިޑާސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސްގެ ނަމުގައި އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމްކުރާ 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށެވެ. މި ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން ގޮތުގައި 20 މީޑިއާއަކުން ބައިވެރިވި އެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިން، ކޮމިއުނިޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް، އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް، އާންމު މަސްލަހަތު ހިމެނޭ މުހިންމުކަންކަން ފީޗާ ރިޕޯޓެއްގެ ގޮތުގައި ގެނެސްދޭނެ ގޮތްތައް ހިމެނެ އެވެ.

މީގެ އިތުރުން ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމުކަން، އޯޑިއަންސް އެންގޭޖްކޮށްގެން ހަބަރާއި ރިޕޯޓް ގެނެސްދޭނެ ގޮތްތަކާއި މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް މި ޕްރޮގްރާމުގައި ހިމެނެ އެވެ.

މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އެހީގައި ލިބިފައިވާ ފުރުސަތެއް ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.