މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދޭން ކުރާ މަސައްކަތަށް ލަސްކަމެއް ނާންނަ ކަމަށާއި މެއި މަހު ފައިނަލް ލިސްޓް އިއުލާން ކުރާނެ ކަމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ހަމަވާއިރު ވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައި ނުވާތީ އެ މަސައްކަތް ހަލުވިކަމާއެކު ނިންމައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި އެވެ.

މި ގަރާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް ރައްޔިތުންގެ މަންދޫބުން އެދެމުންދާއިރު ވެސް ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށް ބުނެފައިވެ އެވެ. އަދި ބޯހިޔާވަހިކަމާއި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށް ވެސް ކޮށްފައިނުވާ ކަމަށް ގަރާރުގައިވެ އެވެ.

ފްލެޓާއި ގޯތި ދޫކުރުމުގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޕީއެސްއެމް ނިއުސްއަށް ވިދާޅުވެފައި ވަނީ ފްލެޓާއި ގޯތި ދޫކުރުމުގެ ކަންކަން ސަރުކާރުން ޕްލޭނާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފޯމްތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް އަންނަ މެއި މަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް، މެއި ޖޫންގައި އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

"ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ކުރީގައި ވެސް ރައީސް ހާމަކުރައްވާފައިވާ ފަދައިން މެއިމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފައިނަލް ލިސްޓު އިއުލާން ކުރެވޭނެ. މެއި، ޖޫން، ޖުލައިގައި އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން 4000 ފްލެޓާއި، 3000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަައިފަ އެވެ. މީގެ ތެރެއިން 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުންނެވެ. އަދި 4000 ފްލެޓާއި، 1000 ގޯތި ދޫކުރުމަށް ކަނޑައަޅާފައި ވަނީ ހުޅުމާލެއިންނެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި އަދަދު އިތުރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެ އެވެ. އަންނަ ޖޫން މަހު ފްލެޓްތަކުގެ ލިޔުން ހަވާލުކޮށް، އޮގަސްޓް މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން އަންނަނީ ހުޅުމާލޭގެ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައިވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ. މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.