އިންތިހާބުތަކަށް ސަރުކާރުން ނުފޫޒާއި ބާރުފޯރުވުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިގަރާރު ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.

ގަރާރުގައި ބުނެފައިވަނީ އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް އިންތިހާބުތައް އިންސާފުވެރިކުރުމާއެކު މިނިވަން އިންތިހާބުތައް ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން އެ ވައުދު ތަންފީޒުކުރަމުންދާތައް ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ސާފު ސިޔާސަތެއް ގެންގުޅޭކަން އެނގެން ނެތްކަމަށާއި، އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުވެފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ އެނޫން ބޭފުޅުން ވާދަކުރައްވާ އިންތިހާބުތަކުގެ ކެމްޕޭން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައްވައިގެން ކުރެއްވުމާއި، އެފަދައިން އެއްކޮށްލައްވައިގެން ދަތުރުކުރެއްވުމުގެ ބޭނުމަކީ ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކުރެވޭ ގޮތް އޮޅުވާލެއްވުން ކަމަށްދެކޭތީއާއި، އަދި އެއީ އިންތިހާބަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވުންކަމަށް،" ގަރާރުގައި ވަނީ ބުނެފަ އެވެ.

އިންތިހާބުތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އެސްއެމްއީ ލޯނުތައް އިއުލާނުކުރުމާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ ޕްރޮޖެކްޓްތައް ހުއްޓާލާނެ މޭރުމުން ކެމްޕޭނުގައި ވާހަކަ ދައްކާ އިޒާރުދެމުންގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދޭ ކަމަށާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕޭން ކޮށްދޭ ކަމަށް މި ގަރާރުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.