ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައި ވަނީ ތިން ކެނޑިޑޭޓަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގަ އެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެއަށް ހަމަވިއިރު، ކުރިމަތިލާފައި ވަނީ ތިން ކެނޑިޑޭޓެކެވެ.

ގުރައިދޫ ދާއިރާއަށް ކުރިމަތިލާފައި ވަނީ ރިޒާ ތަމްސީލްކުރި އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. މި އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ރިޒާގެ ކޮއްކޮ، ހުސައިން ރިޒާ އެވެ. އެމްޑީޕީން ވާދަކުރަނީ އެ ޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހީމް ޝާޒް އެވެ. އެމްއެންޕީން ވާދަކުރަނީ އަލީ އާރިފް އެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު މިދިޔަ އަހަރު އަވަހާރަވުމުންނެވެ.