ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރޭ ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކޮށް، އިސްވެ އޮވެ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ. އެ ޕާޓީގެ ކޮންގްރެސްގައި ވެސް ވަކިން ވާދަކުރަން ނިންމައި ގަރާރެއް އޮތީ ފާސްކޮށްފަ އެވެ.
ޖޭޕީގެ އެ ނިންމުމާ ގުޅިގެން މިއުވާން ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯލިޝަން އެކުލަވާލަން ރައީސް ވާނީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައި ކަމަށެވެ. އެއަށް ޖޭޕީން އަދި ޖަވާބެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުއާއެކު ކުރިއަށްދާން އަދާލަތު ޕާޓީ އާއި އެމްޑީއޭއިން މިހާރު ނިންމާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.
އެފަދަ ހަލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ސޯލިހް ޕާޓީގެ ލީޑާ ޝިޕާއި ގާސިމްއާއެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް، ކޯލިޝަން ހަދަން ދައުވަތު ދެއްވި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ނިންމުން އިއުލާންކޮށްފައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން އަދި ގޮތެއް ނުނިންމަ އެވެ.
އެމްޑީޕީއަށް ދެ ވަނަ ދައުރެއް ކާމިޔާބުވާން އޮތީ ކޯލިޝަަނަކުން ކަމަށް ވާތީ ރައީސް ސޯލިހްގެ ވިސްނުންފުޅު ހުރީ ޕާޓީތަކާ އެކު އިއްތިހާދުވެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އިންތިހާބު ވެވަޑައިގަތުމަށެވެ.