މެރިން ޑައިވް ފެއާގެ ފަރާތުން ޑައިވް އެންޑް ޓްރެވަލް އެވޯޑްސް ނަމުގައި ކުރިއަށް ގެންދިޔަ އެވޯޑް ހަފްލާގައި ދިވެހިރާއްޖެ އަށް އެ އެވޯޑްއިން ދޭ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ޑްރީމް ޑައިވް ޑެސްޓިނޭޝަން" ގެ އެވޯޑް ލިބިއްޖެ އެވެ.
މިއީ ދިވެހިރާއްޖެއިން މިއެވޯޑް ވިދިިިވިދިގެން ހާސިލްކުރި 12 ވަނަ ފަހަރެވެ.
މެރިން ޑައިވް ފެއާ އަކީ ކޮންމެ އަހަރަކުވެސް ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓްތަކަށް ހާއްސަކޮށްގެން ބޭއްވޭ ފެއާއެކެވެ. މިފެއާއަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު ފެއާއެކެވެ.
ދިވެހިރާއްޖޭގެ ޑައިވް ސެގްމެންޓް ތަޖުރިބާކުރަން އެންމެ ގިނަ އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަކީ ޖަޕާނެވެ. އެހެންކަމުން، މި ފެއާއަކީ ވެގެން ގޮސްފައިވަނީ ޖަޕާން އާއި ދެކުނު އިރުމަތީ އޭޝިއާ ރީޖަންގެ މެދުގައި ދިވެހިރާއްޖޭގެ ޑައިވިން ސެގްމަންޓް އިތުރަށް ޕްރޮމޯޓްކޮށް ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލު ކުރުމަށް ލިބިގެންދާ ރަނގަޅު ޕްލެޓްފޯމެކެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ އިން އަންނަނީ ޖަޕާން މާކެޓް އާއެކު އެހެން މާކެޓްތަކަށް ވެސް އަމާޒުކޮށްގެން ގިނަ މާކެޓިން ހަރަކާތްތަކެއް އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހިންގަމުންނެވެ. އެގޮތުން، މިފަހުން ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހިންގުނު ވިޒިޓް މޯލްޑިވްސް ލޭޓާ ކެމްޕެއިނާއި ފޭސްބުކް ލައިވް އިވެންޓް، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގައިން" ގެ އިތުރުން "ރީޑިސްކަވާ މޯލްޑިވްސް" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދެވޭ ވެބިނާ ސީރީޒްގައި "ނިއު ނޯމަލް" ގައި ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާއިރު ސަމާލުވާންވީ ކަންތައްތަކާއި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު އެކްސްޕީރިއަންސަސްތައް ދައްކާލުން ވެސް ހިމެނެ އެވެ.
މި ވެބިނާ ސީރީސް ދިވެހިރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް އާމަޒުކޮށްގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ޖަޕާނާއި، ސައުތު އީސްޓް އޭޝިއާ ރީޖަނުގެ ގައުމުތަކަށް ވެސް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.
ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖާޕާން ހިމެނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޖަޕާނުން 4052 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2019 ވަނަ އަހަރު ޖުމްލަ 44251 ފަތުރުވެރިން ޖަޕާނުން ވަނީ ދިވެހިރާއްޖެ ޒިޔާރަތް ކޮށްފަ އެވެިެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖަޕާނުން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށް ވުރެން އަހަރެއް އިތުރުވެފައިވާތީ ދިވެހިރާއްޖެއިން އުންމީދުކުރަނީ ޖަޕާނު ފަތުރުވެރިންނަށް ވީހާވެސް އަވަހަކަށް ދިވެހިރާއްޖެ އަށް މަރުހަބާކިޔައި، މިއީ ހުރިހާ ފަތުރުވެރިންނަށް ވެސް އެންމެ ރައްކާތެރި މަންޒިލްގެ ޔަގީންކަން ދިނުމެވެ. -- އެމްބީއެސް