ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވާ އެވޯޑް ދިނުމުގެ ހަފްލާގައި އެކުންފުންޏަށް ގިނަ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ މިއީ މުވައްޒަފުން އެ ކުންފުންޏަށް ހޯދާދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއް ކަމަށެވެ. އަދި މި އަހަރުގެ އިވެންޓްގައި ދިރާގުގެ ޗެއާމަން އިސްމާއިލް ވަހީދާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ ލީޑާޝިޕް ޓީމްގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރޭ ބޭއްވި މި އިވެންޓްގައި އެ ކުންފުންޏަށް ޚިދުމަތްކޮށް ދޭތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްސަ އެވޯޑްދީފައިވެ އެވެ. މީގެ އިތުރުން ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށް ވެސް އެވޯޑް ހަވާލުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ޑިވިޝަނަލް މެރިޓް 10 ސްޕެޝަލް މެރިޓް އެވޯޑް، 2 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑެވެ.
ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑާ ލިބިފައި ވަނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނޭޖާ ސިވިލް، ސިނާޒްއަށެވެ. ވޭތުވެދިޔަ ހަ އަހަރު ދިރާގަށް ޚިދުމަތްކޮށްފައިވާ ސިނާޒްއަކީ ކުންފުނީގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖްކުރާ ގާބިލް، ހީވާގި ލީޑަރެކެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުގައި އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވި އެވެ. މީގެ އިތުރުން މީގެ އިތުރުން، ގައުމު މުވާސަލާތީ ގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރި އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް އަންނަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.