މިދިޔަ ފެބްރުއަރީ މަހު ސިނަމާތަކަށް ނުކުތް މަލަޔާލަމް ފިލްމެއް ކަމަށްވާ "ކްރިސްޓީ"އިން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކާލައިފި އެވެ.

މި ފިލްމަކީ ޓިއުޝަން ޓީޗަރަކާއި ފުރާވަރުގެ ފިރިހެން ކުއްޖަކާ ދެމެދު ހިނގާ ލޯބީގެ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ މެތިއު ތޯމަސް އަދި މަލަވިކާ މޯހަނަން ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ރާއްޖޭގެ މަންޒަރުތައް ކުޅެފައި ވަނީ އދ. ދަނގެތީގަ އެވެ.

ފިލްމުގައި ރާއްޖޭގެ މަންޒަރުތައް ފެނިގެންދަނީ ފިލްމުގެ ވަކި ހިސާބަކުން ޓިއުޝަން ޓީޗަރު ކްރިސްޓީ (މަލާވިކާ) އިންޑިއާ ދޫކޮށް ރާއްޖެއަށް ޓީޗަރެއްގެ ގޮތުގައި އަންނަ ހިސާބުންނެވެ.

https://www.youtube.com/watch?v=YH60HBPRSj8

އެގޮތުން ފިލްމުގެ މާލި ޕައްޓޫ ލަވައިގައި ކްރިސްޓީގެ ދިވެހި ދިރިއުޅުން ދައްކާލަ އެވެ. ދަނގެތީގެ ސްކޫލާއި އެރަށުގެ ރީތި މަންޒަރުތަކުގެ އިތުރުން ދިވެހި ދިރިއުޅުން ވެސް އެ ލަވައިން ކޮންމެ ވެސް ވަރަކަށް ފެނިގެންދެ އެވެ.

އެއާއެކު ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ބައެއް ދިވެހިން ވެސް އެ ފިލްމުގައި ހަރަކާތްތެރިވި އެވެ. އެގޮތުން ސްކޫލު ކުދިންނާއި އެއާޕޯޓު އަދި އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި ވެސް ދިވެހިން ފެނުނެވެ.

މި ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނު ނަމަވެސް ބެލުންތެރިންގެ ފަރާތުން މާބޮޑު މަގުބޫލު ކަމެއް ނުލިބުމުން މިހާރު ވަނީ ސިނަމާތަކުން ނަގާފަ އެވެ. އެހެން ނަމަވެސް އިންޑިއާގެ އޯޓީޓީ ޕްލެޓްފޯމް ސޮނީލިވްއިން ފިލްމު ބެލޭނެ އެވެ.