އެއީ ބޮޑެތި ބަރު ފޮށިތަކެކެވެ. ކަސްޓަމުން ބާލައިގެން ގެންދިޔައީ ސީދާ ވެލާނާގެ އަށެވެ. ފޮށިގަނޑުތަކުގައި ޖަހާފައި ހުރީ ބަދިގެއަށް ބޭނުންވާނެ ތަފާތު ކާބޯތަކެތީގެ ނަންތަކެވެ. ޖޭމާއި ބަޓަރާއި ތަފާތު މޭވާގެ ނަމެވެ.

އެ ފޮށިގަނޑުތަކާ ހަވާލުވީ އޭރު ވެލާނާގޭގެ ފަރިއްކޮޅުގެ ކަންތަކާ އިސްވެ ހުންނެވި މާފަންނު ތަރިވިދާގޭ، ބާކީ ޅަތުއްތު އެވެ. އެ ފޮށިގަނޑުތަކާ ހަވާލުވުމަށްފަހު ޅަތުއްތު އިބްރާހިމް ނާސިރު އަރިހުގައި ދެންނެވި އެވެ. މިފަހަރު ބަދިގޭގެ ކާބޯ ތަކެތި ތިގެންނެވީ ހާދަހާ ބަރު ފޮށިތަކެއްގަ އެވެ. އަޅުގަނޑަށް އެއިން އެންމެ ކުޑަ ފޮށިގަނޑުގެ އެއްކޮޅު ވެސް ހިއްލައެއްނުލެވުނެވެ. އެ ވާހަކަކޮޅު އައްސަވާއިފައި ނާސިރު ހިނިފުޅުވަޑުވައިފައި ވިދާޅުވީ ބައެއްފަހަރު އެހެން ވެސް ވާނެ ކަމަށާއި އެކަމާ އަޅާނުލުމަށެވެ.

ވެލާނާގެއަށް ކާބޯތަކެތީގެ ބަރު ފޮށިގަނޑުތަކެއް ގެނައީ ނާސިރުގެ ބޮޑުވަޒީރު ކަމުގެ ދައުރުގަ އެވެ. އޭރު އިނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު އައްޑޫ ގަމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. ދިވެހި ސަރުކާރާ ވަކިވެގެން ދެކުނުގައި ވަކި ސަރުކާރެއް ހަދަން އިނގިރޭސިން އަޑީގައި ތިބެ، އަބްދުﷲ އަފީފު ކުރައްވަމުން ގެންދެވި މަސައްކަތް އޭރު އަދި ކޮޅެއްގައި ނުޖެހެ އެވެ.

ދިވެހި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ވިޔަސް ބޭރުގެ އެއްވެސް ބަޔަކާއެކު މުއާމަލާތެއް ކުރުމުގެ ހުއްދައެއް ނެތެވެ. އިނގިރޭސިންގެ މަކަރުވެރި ރޭވުމެއްގެ ދަށުން ލިޔުނު ސިޓީއެއްގެ ޒަރީއާއިން ލިބިފައިވާ ހިމާޔަތެއްގެ ސަބަބުންނެވެ. އެ ހިމާޔަތުގެ ސަބަބުން ދިވެހީން ތިބީ ރަށު ބަންދުވެފަ އެވެ. އެ ދަނޑިވަޅު އިނގިރޭސިން އަޑީގައި ތިބެގެން ރާއްޖޭގެ ރަށްތައް ވެރިރަށް މާލޭގައި އޮތް ސަރުކާރާ ވަކިކުރަމުން ދިޔަ ކަމުގައި ވިޔަސް ވަކިވެގަންނަ ފަރާތްތަކާ ކުރިމަތިލެވޭ ފަދަ ބާރެއް ދިވެހި އަސްކަރިއްޔާއަކު ނެތެވެ. ސިފައިންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ.

ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ރައީސް ނާސިރު

ނާސިރު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ރާއްޖެއަށް ބޭނުންވާ އަސާސީ ގިނަ ކަންތައް ކުރެއްވުމަށް ގެނެދެވީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރު ހޯއްދެވުމަށް ވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވެވި އެވެ. އެ ދުވަސްވަރަކީ އިސްލާމީ ދުނިޔެއަށް މުޅިން އާ އިންގިލާބީ ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެއް މެ އެވެ. އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް މުސްލިމުންގެ ބާރު އޭރު ގަދަ އެވެ. އެންމެ ނަގާކިޔާ އެއް ބޭފުޅަކީ މިސްރުގެ ރައީސް ޖަމާލު އަބްދުއްނާސިރެވެ. ދިވެހި އަސްކަރިއްޔާ އަށް ބޭނުންވާ ހަތިޔާރު ހޯއްދެވުމަށް ބޮޑުވަޒީރު ނާސިރު އިސްލާމީ އެތައް ދައުލަތަކުން އެދި ވަޑައިގެންނެވި ކަމަށް ވެ އެވެ. އެގޮތުން މިސްރުގެ ރައީސް ޖަމާލު އަބުދުއްނާސިރުގެ އަރިހަށް ވެސް ޚާއްސަ މަނދޫބަކު ފޮނުއްވި އެވެ. ހަތިޔާރު ހޯއްދެވުމަށް މިގޮތަށް ކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މިސްރުން ލިބުނު ޖަވާބާ ގުޅިގެން އެ ގައުމަށް ހަތިޔާރު ބަލާދިޔަ ބޯޓު އެތައް ދުވަހަކު ބަނދަރުގައި އޮތުމަށް ފަހު ހުސްއަތާ އެނބުރި އައީ އެވެ.

ސިފައިންގެއަށް ހޯއްދަވަން ނާސިރު ބޭނުންފުޅުވެވަޑައިގެންނެވީ 300 ތިރީ އޯ ތިރީ ރައިފަލާއި 25 ސަބް މެޝީން ގަން އާއި 5 މެޝީން ގަން އާއި 10 ފިސްތޯލަ އާއި 50 ޓިއާ ގޭސް ބޮމެވެ. މި މަސައްކަތް ރަސްމީ ގޮތުން ކުރައްވަން އުޅުއްވައި ކާމިޔާބުނުވުމުން ދެން އެމަސައްކަތް ހަވާލުކުރެއްވީ އޭރު ނާސިރު އެންގެވި ކޮންމެ ކަމެއް އެ އެންގެވި ގޮތަކަށް ކުރައްވަން ފަސްޖެހި ވަޑައި ނުގަންނަވާ އިޚުލާސްތެރި ބޭފުޅެއް ކަމުގައިވާ ކޮލި އަލި މަނިކާ އެވެ. އެ މަސައްކަތް ކާމިޔާބު ކަމާއެކު އަލި މަނިކު ނިންމަވާލެއްވެވި އެވެ. ހަތިޔާރު ގަތީ އިނގިރޭސި ކުންފުނިތަކުންނެވެ. އަލި މަނިކުގެ އެޖެންޓުކަމުގެ ދަށުން ބައްލަވައިގެންނެވި ހަތިޔާރުތައް އެކި ގޮތް ގޮތުން ރާއްޖެ އައުމުގެ އެންމެ ފަހު މަންޒިލަކަށް ވީ ސިލޯނެވެ.

ބޮޑުވަޒީރުގެ ނައިބު އިބްރާހިމް ރަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރާއެކު ސިންގަޕޫރުގައި.

އޭރު ރާއްޖޭގެ ދާޚިލީ ވުޒާރާ ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ކަރަންކާގެ އިބްރާހިމް ރަޝީދާ ހަވާލާދީ "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި" ގައި މަރުހޫމް އަލީ ހުސެއިން ލިޔުއްވާފައި ވާގޮތުގައި އެއްދުވަހަކު ނާސިރު ގުޅުއްވާފައި ވެލާނާގެއަށް ވަޑައިގަތުމަށް އެދި ވަޑައިގެންނެވި އެވެ.

އިބްރާހިމް ރަޝީދު އެގެއަށް ވަޑައިގެންނެވުމުން ނާސިރު ވިދާޅުވީ ސިލޯނުން އައިސް އޮތް ބޯޓުގެ ކެޕްޓަން ކޮޓަރީގައި ވިއްސަކަށްގަނޑު ފޮށި ހުންނާނެ ކަމަށާއި ބޭރުގައި ގަވަރުމެންޓް އޮފް މޯލްޑިވްސް އާއި އެތެރޭގައި ހުރި އެއްޗެއްގެ ނަން ލިޔެފައި އޮންނާނެ ކަމަށެވެ. އެހިސާބުން އިބްރާހިމް ރަޝީދު ކަސްޓަމަށް ވަޑައިގެން އެވަގުތު ކަސްޓަމް ހިންގަވަން ހުންނެވި ވެރިޔާގެ އެހީގައި އެ ފޮށިތައް ވެލާނާގެއަށް ގެންދެވި އެވެ.

އޭރު ކޮލި އަލިމަނިކު ހުންނެވީ ވެލާނާގޭގަ އެވެ. ފޮށިގަނޑުތަކުގައި ހުރި ހަތިޔާރުތަކާ ބެހޭ މައުލޫމާތު ނާސިރަށް އެރުވުމަށެވެ. ތަފާތު ބާވަތްތަކުގެ ކާނާގެ ނަމުގައި ރާއްޖެ ގެނެވުނު ފޮށިގަނޑުތަކަކީ އިނގިރޭސިންގެ "ހިމާޔަތު"ގެ ސަބަބުން ދިވެހި ސިފައިންނަށް ރަސްމީކޮށް ހޯދަން އުޅެ ނުލިބުމުން ލިބެން އޮތް ގޮތަކަށް ހޯއްދަވައިގެން ގެންނެވި ހަތިޔާރެވެ.