މޫނު ބުރުގާ އަޅާތީ ތައުލީމީ ފުރުސަތުން އެއްވެސް ކުއްޖަކު މަހުރޫމް ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
އަޒިމާ މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި މޫނު ބުރުގާ އަޅައިގެން ބައެއް ދަރިވަރުން ސްކޫލަށް ހާޒިރުވާތީ، އެކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުންނެވެ.
އާޒިމާ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ދަރިވަރުން ސުކޫލަށް ދިއުމަށް މަނާ ނުކުރެވޭނެކަން 2012 ވަނަ އަހަރު ހައިކޯޓުން ނިންމި ނިންމުމުން ވެސް އިނގޭ ކަމަށެވެ.
އެއީ ކުއްލިއްޔާގެ ދަރިވަރެއް މޫނު ބުރުގާ އަޅައިގެން ސުކޫލަށް ދާތީވެ މޫނު ބުރުގާ ނެގުމަށް އެންގި މައްސަލާގައި ހައިކޯޓުން 2012 ވަނަ އަހަރު ނިންމާފައިވާ މައްސަލައެކެވެ.
އޭރު ދައުލަތުން ވަކާލާތު ކުރީ މޫނު ބުރުގާ އަޅައިގެން ކިޔަވަން ހާޒިރު ނުވެވޭނެ ކަމަށެވެ. އެއީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އަދި އޭގެ ފަހުން ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން ދައުލަތުން އެމައްސަލާގައި ބުނެފައިވަނީ މޫނު ބުރުގާ އެޅުމަކީ އެއްވެސް ކުއްޖަކު ތައުލީމުން މަހުރޫމު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމައްސަލާގައި ފަހުން ދައުލަތް ތަމްސީލު ކޮށްދެއްވީ އާޒިމާ އެވެ.
އާޒިމާ ވިދާޅުވީ ތައުލީމަކީ އުނި ނުކުރެވޭނެ ހައްގެއް ކަމަށާ އެމީހަކު ގަބޫލުކުރާ އަގީދާއެއްގެ ސަބަބުން ތައުލީމު ލިބުން ހަނި ނުކުރެވޭނެ ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެ ސްކޫލުން މިދިޔަ އަހަރު ވަނީ އެދިފަ އެވެ. އެޑިއުކޭޝަނުން ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ސްކޫލުގައި އެދިފަ އެވެ.
އެޑިއުކޭޝަންގެ އެންގުމާ އެއްގޮތަށް މޫނު ބުރުގާ އަޅާ ކުދިންގެ ބެލެނިވެރިންނަށް ސްކޫލުން މިކަން އެންގުމުން ބެލެނިވެރިން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.