ދ. ނިޔާމަ ރިސޯޓުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް އެޗްޕީއޭގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް މީހަކަށް އެރަށަށް އަރައި ނުފޭބޭނެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ޓޫރިސްޓުންނާއި ފަސް މުވައްޒަފުން ހިމެނޭ ކަމަށެވެ.

ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން އެ ރިސޯޓްގެ މުއްޒަފުން ރިސޯޓްގެ ތެރޭގައި އެކި ތަންތަނަށް ދިޔުން މަނާކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ޓޫރިސްޓުންނާއި ތިން މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމަތްތައް ފެނިގެންނެވެ. ދެން ފޮޒިޓިވްވި ދެ މުވައްޒަފުންނަކީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރެންޑަމް ސާމްޕަލްތައް ވެސް ހިމެނޭގޮތަށް 17 ސާމްޕަލެއް މިހާތަކަށް އެ ރިސޯޓުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.