ކާޖޮލްއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އޭނާ ބޮޑު ސްކްރީނުން ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ އެކުގައި މަސައްކަތްކުރާ ހިތްނުވާ މީހުންނާއެކު އޭނާއަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އެގޮތުން އެކުގައި މަސައްކަތް ކުރަން ޖެހޭ މީހުން ކަމުނުދާތީ ގިނަ ފިލްމުތަކަކަށް އިންކާރު ކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި ވަރަށް ކާމިޔާބުވި ފިލްމުތައް ވެސް ހިމެނޭ ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ މަސައްކަތް ކުރާނީ އެގޮތަށް ކަމަށާއި ބޮޑު ސްކްރީނުން ފެނުން މަދުވަނީ އެހެންވެ ކަމަށެވެ.

" އަހަންނަކީ ވަރަށް ކަންނެތް މީހެއް. އެހާ ގިނައިން މަސައްކަތް ކުރާކަށް އަހަރެން ބޭނުމެއް ނުވޭ" މަދު ފިލްމުތައް ކުޅެނީ ކީއްވެގެންތޯ އެހުމުން ކާޖޮލް ބުންޏެވެ.

އެންމެ ކުރީއްސުރެ ވެސް ކާޖޮލް މަޝްހޫރު ވެފައިވަނީ ހިތުގައިވާ އެއްޗެއް ނުފޮރުވާ ދިމާ ސީދަލަށް ބުނާ އެކްޓަރެއްގެ ގޮތުގަ އެވެ.