ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި އެމްއެންޑީއެފްގެ ރިޕޯޓު މާދަމާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިންނާ މިއަދު ހަވީރު މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ފުލުހުންގެ ރިޕޯޓް މިއަދު ހަވީރު އެމަނިކުފަނަށް ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ރިޕޯޓު މާދަމާ ވަގުތެއްގައި ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ މިހާރު ވެސް އެމްންޑީއެފްއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ދިއުމަށް ހުރަސްއަޅައި ހިފެހެއްޓީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އެމްއެންޑީއެފް އިން މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ފަށާފައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑަރުގެ އިތުރުން އޭނާގެ ދަށަށް މަސައްކަތް ކުރާ އެހެން އޮފިސަރެއް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކުރާ ކޮމެޓީގެ ޗެއާއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ރައީސްގެ މޮޓޯކޭޑް ހިފެހެއްޓި މައްސަލާގައި މިހާރު ވަނީ 4 މީހުން ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވެސް ހުށަހަޅާފަ އެވެ.