މި ރޯދަމަހު މާލެ ސަރަޙައްދުގެ 26 މިސްކިތެއްގައި ހިފްޒުކޮށް، ތަރާވީހު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިއިން ބުނެފި އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ. އަދި މިރޭ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރަން ފަށާނެ އެވެ.

ކޮންމެ އަހަރަކު ވެސް މާލޭ ސަރަޙައްދުގައި ތަރާވީހް ނަމާދު ކުރަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ވަކި މިސްކިތްތަކެއްގަ އެވެ. މީގެ ތެރޭގައި ވީހާ ވެސް ގިނަ މީހުންނަށް އެއްފަަހަރާ ނަމާދަށް އެރޭ މިސްކިތްތައް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރަމަޟާން މަހު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީހު ނަމާދުކުރާނެ މިސްކިތްތައް ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތާއި ހުޅުމާލޭގެ 9 މިސްކިތް އަދި ވިލިމާލޭގެ 1 މިސްކިތެވެ.

މާލޭގައި މިއަހަރު ތަރާވީހު ނަމާދުކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، ނޫރު މިސްކިތް، ފުރުޤާން މިސްކިތް، ޒިކުރާ މިސްކިތް އަދި އިތުރު މިސްކިތްތައް ހިމެނެ އެވެ. މިއަހަރުގެ ވެސް އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

ވިލިމާލޭގައި ތަރާވީހު ނަމާދު ކުރާނީ މަސްޖިދުލް އިޚްލާސްގަ އެވެ. ހުޅުމާލޭގައި ފޭސް1 އަދި ފޭސް2ގެ ވަގުތީ މިސްކިތްތައް ހިމެނޭހެން ތަރާވީހު ނަމާދު ކުރާނެ އެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޚާފިޡުން ގެނެ އެވެ. މިއަހަރު ވެސް މާލެއާއި ރަށްރަށުގައި ނަމާދުކުރުމަށް ހާފިޡުން ވަނީ ހަމަޖައްސާފަ އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިސްކިތްތައް އާބާތުރަފިލުވުމާއި، މިސްކިތްތަކަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ހިމެނެ އެވެ. އަދި މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތްތަކަށް ޖާގަ ވެސް ވަނީ އިތުރުކޮށްފަ އެވެ.