ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ 'އެލްނީނޯ' ގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކުރާނީ އަންނަ ނޮވެންބަރު މަހު ކަމަށް ލަފާކުރެވޭތީ، އެކަމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެލްނީނޯގެ ބާރު ގަދަވަމުން އަންނަ މަންޒަރު ފެންނަމުންދާތީ، އެ އިދާރާއިން އަންނަނީ މި ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ގުދުރަތީ ހާދިސާއެކެވެ. މިއީ ވަކި ހަމައަކުން ނޫން ނަމަވެސް، އާންމުކޮށް ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ތަކުރާރުވާ ކަމެކެވެ. މި ހާލަތުގެ އަސަރު އާންމު ގޮތެއްގައި 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށް ވެސް މިކަން ދިގުލައިގެން ހިނގައިދާނެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް އެލްނީނޯގެ އެންމެ ގަދަ އަސަރު ފޯރާނީ ނޮވެންބަރު މަހުގައި ކަމަށެވެ. އަދި މި ހާލަތު އަންނަ އަހަރުގެ ފެބުރުވަރީ މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު، އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވާރޭ ވެހޭ މިންވަރު ބޮޑުތަނުން ދަށްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، އެ ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދާނެ ކަމަށް ވެސް މެޓުން ހާމަކުރެ އެވެ.

މި ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށްޓަކައި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެދިފަ އެވެ.