ރޯދަ މަހު މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދަކީ ލޯކަލް މާރުކޭޓެވެ. ހެނދުނުން ފެށިގެން ހަވީރަށް އެތައް ބަޔަކު ލޯކަލް މާރުކޭޓަށް ގޮސް މޭވާ އާއި ތަރުކާރީ އާއި އެނޫން ވެސް ކެއުންތައް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ގަނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިގެންދެ އެވެ. އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭއިރު ވެސް ބައެއް ބާއްވަތްތަކުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެގޮތުން ކާށީ އާއި މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތަކުން ވަނީ އަގު އުފުލިފަ އެވެ. އެހެންނަމަވެސް މިރުހާއި ލުނބޯ އަދި މަހުގެ ބާވަތްތަކުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މާލޭ ލޯކަލް މާރުކޭޓް ވިއްކާ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް ޑިމާންޑް އޮންނަ އެއް ބާއްވަތަކީ ކަނޑޫދޫ މިރުހާއި ތޮއްޑޫ ކަރަ އެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ، އެންމެ ދަށްކޮށް ވެސް 25 ރުފިޔާ އަށެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރޯދަމަހާ ދިމާކޮށް ބާޒާރުގައި މިރުހުގެ އަގު ވަނީ ދަށްވެފަ އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު ކަނޑޫދޫ މިރުހުގެ 100 ގުރާމް ބާޒާރުން ލިބެން ހުރީ 30 ރުފިޔާ އަށެވެ. ބާޒާރުގައި ލިބެން ހުރި އެހެން މިރުސް ހުރީ 25 ރުފިޔާ އާއި 35 ރުފިޔާ ދެމެދުގަ އެވެ.
މިއަދު ބާޒާރުގައި ލުބޯގެ އަގު އުފުލިފައިވާއިރު ބާޒާރުގައި ލުބޯ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާ އާއި 100 ރުފިޔާ ދެމެދުގަ އެވެ.
މި އަހަރުގެ ރޯދަމަހު ބާޒާރުގައި ލުނބޯގެ އަގު ހިފަހައްޓަން އެސްޓީއޯއިން ވަނީ އިންޑިއާއިން ލުނބޯ ޝިޕްމަންޓެއް އެތެރެކޮށްފަ އެވެ. އަދި އެސްޓީއޯގެ ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކާ އަގަކީ 60 ރުފިޔާ އެވެ.
ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކާށީ އެވެ. އެގޮތުން މިހާރު ކާށި ލިބެން ހުރީ 20 ރުފިޔާ އާއި 45 ރުފިޔާ ދެމެދު އެވެ. ކާށީގެ އަގު ހެޔިކޮށް ލިބޭނެ ގޮތް ހެދުމަށް އެސްޓީއޯއިން ވަނީ ރާއްޖެއަށް ކާށި ގެނައުމަށް ނިންމާފަ އެވެ.
މާރުކޭޓުގައި ބައެއް ތަކެތީގެ އަގު:
ކިއުކަމްބާ - ކިލޯއެއް 50 ރުފިޔާ އާއި 65 ރުފިޔާ
ލެޓިއުސް ކިލޯއެއް 100 ރުފިޔާ
ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާ
ފިޔާ ކިލޯއެއް 9 ރުފިޔާ އާއި 12 ރުފިޔާ
އަލުވި ކިލޯއެއް 11 ރުފިޔާ އާއި 14 ރުފިޔާ
މާރުކޭޓުން ލިބެން ހުރި ކާށީގެ އަގަށް ބަލާއިރު ކާއްޓެއް 3 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ހުރިއިރު ގަބުޅި ވިއްކަނީ 15 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގަ އެވެ.
ތަރުކާރީ އާއި މޭވާގެ ބައެއް ބާއްވަތްތަކުގެ އަގު އަދި ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި ބައެއް ބާވަތްތައް ބާޒާރުގައި މަދުކަން ވެސް ފާހަގަކުރެވެ އެވެ.