"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނެށުންތެރިޔާ އަދި ބޮލީވުޑް ތަރި ރާކީ ސާވަންތު މީގެ މަހެއްހާ ދުވަސް ކުރިން ކައިވެނިކުރި ވިޔަފާރިވެރިޔާ އާދިލް މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އެ ދެމީހުންގެ ހަބަރުތައް ފަހަކަށް އައިސް ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ދެކެވެމުންދެ އެވެ.

އާދިލްގެ މައްޗަށް ގެވެށި އަނިޔާ ކުރި ކަމަށާއި، ބޭވަފާތެރިވީ ކަމަށް ރާކީ ތުހުމަތުކުރާއިރު، މިފަހުން އާދިލްއާ ގުޅިގެން އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ރާކީ ވަނީ ރައްދުދީފަ އެވެ. އެގޮތުން އާދިލް އަކީ "ތަލަ" މީހެއް ކަމަށް ބުނެ އާންމުން ދަނީ ސޯޝަލްމީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް މަލާމާތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ރާކީ ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯގައި ރާކީ ވަނީ އާދިލްއަކީ ތަލަ މީހެއް ކަން އޭނާއަށް އެނގުނީ މިވާހަކަތަކެއް ދެކެވުނު ފަހުން ކަމުގައި ބުނެފަ އެވެ. ރާކީއަށް އެކަން ފަޅާއެރީ އާދިލްގެ އާއިލާއާ ބައްދަލުކުރަން، މައިސުރުގައިވާ އާދިލްގެ ގެއަށް ދިއުމުން ކަމުގައި ރާކީ ބުންޏެވެ.

"އަހަރެންނަށް އަދިކިރިޔާ މި އެނގުނީ އާދިލް އަކީ ތަލަ މީހެއްކަން. ހެއާ އެންޑް ސްކިން ފެކްޓްރީ އިން ދިން މައުލޫމާތުން އެނގުނީ އޭނާ ތަލަކަން،" ރާކީ ބުނެފައިވެ އެވެ.

ރާކީއަށް ބޭވަފާތެރިވުމާއި ގުޅިގެން އޭނާ ވަނީ ރާކީ އާއި އާދިލްގެ ލޯތްބާއި ގުޅުންހުރި ވާހަކަތަކަށް ބިނާކޮށް ލަވަ އަލްބަމެއް ވެސް ނެރެފަ އެވެ. "ޖޫޓާ" ނަމަކަށް ކިޔާ މި ލަވައަށް 4.8 މިލިއަން ވިއުސް ލިބިފައިވާއިރު، އެލަވަ ބެލުމަށްފަހު އާންމުން ވަނީ ރާކީއަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ.