އިންތިހާބުތަކާބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް މިވަގުތު ފާސްކުރަން ތާއީދު ނުކުރައްވާ ކަމަށް އިލެކްޝަނަްސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ދައުރު ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ، މީގެ ދެހަރު ކުރިން ބަންޑާރަނައިބު އޮފީހަށް ފޮނުވި ކަންތައްތަކެއް ކަމަށާއި ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅެއް އޮތުމުން މި ދަނޑިވަޅުގައި އެ އިސްލާހުތައް ފާސް ކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.

އިންތިހާބުތަކާބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ޖަމްއިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ފުއާދު ވިދާޅުވީ ޖަމްއިއްޔާތަކުގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށެވެ.

ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ސީދާ މަޖިލިހަށް އިސްލާހު ހުށަހެޅޭ ބައެއް ނޫންކަމަށާއި ފުއާދު ވިދާޅުވީ، އާންމުން އިތުބާރު ކުރާ ގޮތަކަށް ގާނޫނަށް އިސްލާހު ގެންނަން ބޭނުން ނަމަ، އޮންނަ ގޮތަކީ ބަންޑާރަނައިބު މެދުވެރިކޮށް މަޖިލީހަށް އިސްލާހު ހުށަހެޅުން ކަމަށެވެ. އަދި މެންބަރަކު މެދުވެރިކޮށް ކޮމިޝަނުން އަމިއްލައަށް އިސްލާހެއް ހުށަހަޅާ ނަމަ، އޭގައި 'ތަފާތު ކުލައެއް ޖެހިދާނެ' ކަމަށްވެސް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ދެ އަހަރު ކުރިން ކޮމިޝަނުން ފޮނުވި މި އިސްލާހުތައް މަޖިލިހަށް ފޮނުވުން ލަސްވުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ފުއާދު ވިދާޅުވީ އިންތިހާބަށް ހަމަސް ދުވަސް ވެފައި އޮތްއިރު މިގޮތަށް ގާނޫނު އިސްލާހުވުމަކީ ގިނަބައެއްގެ އިތުބާރު ވެސް ގެއްލޭނެ ކަމެއް ކަމަށާއި އެހެންކަމުން ކޮމިޝަންގެ މެމްބަރުން މަޝްވަރާކުރެއްވުމަށްފަހު އިސްލާހުތައް އަނބުރާ ގެންދާނީތޯ ނުވަތަ ކުރިއަށްދާނީތޯ ނިންމަވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް މިދިޔަ މަހު މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.