ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު އިއްޔެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

"އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް،" ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލް ކަން ވެސް ކުރައްވާފައިވާ އުޝާމު ކުރެއްވި ޓުވީޓުގައިވެ އެވެ.

ޕްރައިވަޓައިޒޭޝަން ގާނޫނުގައި ބުނާގޮތުން އެބޯޑުގެ ޒިންމާ ތަކުގެ ތެރޭގައި, ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި, ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ފަރާތްތައް އައްޔަން ކުރުމުގައި އަމަލުކުރަން ޖެެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ މީހުން އައްޔަނު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޕްރައިވަޓައިޒޭޝަން ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިގާނޫނުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށެވެ.