އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަކިކުރެއްވި ހުސައިން އަމްރުއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތާރީފުކުރައްވައި ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް ނަޝީދު އަމްރުއަށް ތައުރީފުކުރައްވާ ޓުވީޓް ކުރެއްވީ ރައީސް ސޯލިހު އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައިވަނީ ފާއިތުވި 4 އަހަރަކީ އެސްޓީއޯއިން ރަނގަޅު ނަތީޖާ ނެރުނު ހަތަރު އަހަރުކަމަށާއި، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އެސްޓީއޯގެ ނަތީޖާ އަޅައިކިޔުމުން އެކަން ސާފުވާނެ ކަމަށެވެ.
އެގޮތުން އެސްޓީއޯގެ ކާމިޔާބުތައްކަމަށް ނަޝީދު ވިދާޅުވީ ކުންފުނީގެ ފައިދާ ބޮޑުވި ނަމަވެސް އެ ކުންފުނިން ވިއްކާ ތަކެތީގެ އަގު އުފުލުނަނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ތެރޭގައި ހުރިހާ ރަށަކަށް ބޭނުންވާ ކާޑު ފޯރުކޮށްދީ ކާޑަށް ޖެހިޔަނުދީ ހިފަހެއްޓި ކަމަށާއި އަދި އެ ކާމިޔާބީތައް ފާހަގަކުރައްވައި ނަޝީދު ވަނީ އަމްރުއަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ އިތުރުން އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަމްރުއަކީ އެމްޑީޕީގެ ސިޔާސަތު އެކުލަވައިލާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އަމްރު ހުންނެވީ ރައީސް ނަޝީދު ފަޅީގަ އެވެ. އަދި ދާދި ފަހުން އަމްރު ވަނީ ޖުމްހޫރީ ޕާޓީއާއެކު ރައީސް ނަޝީދުގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި މަންދޫބެއްގެ ގޮތުގައި ވެސް ބައިވެރިވަފަ އެވެ.