ރޯދަ މަހުގެ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށައެޅުމަށް ފުރުސަތު ލޭބާ ރިލޭޝަންސް އޮތޯރިޓީން ހުޅުވާލައިފި އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ ގާނޫނާ އެއްގޮތަށް ރޯދަ މަހުގެ އިނާޔަތް ލިބިފައިނުވާނަމަ އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އއެ އޮތޯރިޓީގެ ވެބްސައިޓުންނާއި އިދާރާއަށް ފޯމު ހުށަހަޅައިގެން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މިމަހުގެ ކުރީކޮޅު ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ހަނދާންކޮށްދީފަ އެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި، ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000 އާ 50،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާއަށް ވަނީ 65 ޝަކުވާ ހުށަހަޅާފަ އެވެ. އަދި އޭގެ ތެރެއިން 53 މައްސަލައެއް ވަނީ ހައްލުކޮށްފަ އެވެ.