އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ކިޔަމުންގެންދާ ފާޑުކިޔުންތަކަށް އެ ބޯޑުން މިއަދު ރައްދު ދީފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަމްރު އެ މަގާމުންނާއި އޭނާ އެސްޓިއޯގައި އަދާ ކުރަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕީސީބީ އިން ނިންމާފައި ވަނީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ޕްރައިވަޓައިޒޭޝަން ބޯޑަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންގެންދިޔައީ އަމްރު ވަކި ކުރީ ސީދާ ސަރުކާރުގެ ނުފޫޒު އޮވެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގުމަށް ކަމަށެވެ. އަދި އެއީ ގަނޫނީ ގޮތުން ރައީސް އަށް އެންގޭނެ އެންގުމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އައްޔަނުކުރާ މީހުން އައްޔަންކޮށް ވަކިކުރަނީ، 'ދައުލަތުގެ ވިޔަފާރިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުން އަދި މޮނީޓާކޮށް އިވޭލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އެ ބޯޑުން އެކުލަވާލާ އުސޫލާ އެއްގޮތަށް ކަމަށެވެ.
ޕީސީބީ އިން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ އިންސާފާ ހަމަހަމަ ކަމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕީސީބީ އިން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާދާރުންނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެކަން ކަށަވަރުވާނެހެން، މިނިވަންކަމާއި މުސްތަގިއްލު ކަމާ އެކުގައި ކަމަށްވެސް ޕީސީބީން ބުނެއެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގައި އަމްރު އަދާކުރައްވަމުންގެންދެވި މަގާމުތަކުން ވަކި ކުރި އިރު އޭނާ ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ދާދިފަހުން ޖުމްހޫރީ ޕާޓީއާއެކު ބޭއްވި ބައްދަލުވުމުގައި އަމްރު ބައިވެރިވެވަޑައިގަތެވެ.