އިސްލާމް ދީނުގައި ނިވައިކަން ކުޑަ ހެދުންލުމަކީ މައްސަލައެއް ނޫން ކަމަށް، ދީނީ އިލްމުވެރިން ބުނެފައިވާ ކަމަށް މަޝްހޫރުވެފައިވާ ނެށުންތެރިޔާ އަދި ބޮލީވުޑް ތަރި ރާކީ ސާވަންތު ބުނެފި އެވެ.

ރާކީ އިސްލާމްދީން ގަބޫލުކޮށްފައިވަނީ އޭނާގެ ފިރިމީހާކަމަށްވާ އާދިލް ޚާން ދުރާނީއާ ކައިވެނިކުރުމަށެވެ. އެއަށްފަހު އެ ދެ މީހުންގެ ލޯބީގެ ގުޅުން ކަނޑައިލި ނަމަވެސް ރާކީ ބުނަނީ އޭނާ ހުރީ މުސްލިމެއްގެ ގޮތުގައި ކަމަށެވެ.

އިސްލާމް ދީން ގަބޫލުކުރި ދުވަސްކޮޅު އަބާޔާލީ ނަމަވެސް، މިފަހުން އާންމުންނަށް ރާކީ ފެންނަނީ ނިވައިކަން ކުޑަ، އަދި ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ހެދުން ލައިގެން ހުންނަ މަންޒަރެވެ. އެކަމަށް ގިނަ ބަޔަކު ރާކީއަށް ފާޑުކިޔާފައި ވަނިކޮށް ރާކީ ވަނީ އާންމުންގެ ފާޑުކިތުންތަކަށް ރައްދުދީފަ އެވެ.

"އަހަރެން ފަސް ވަގުތު ނަމާދު ކުރަން. ވަރަށް ފަހުން އަހަރެން މުސްލިމަކަށްވީ. އެކަމަކު އަހަރެންގެ ނިޔަފަތީގެ ސަބަބުންނާއި، ލާ އަންނައުނުގެ ސަބަބުން މީހުންނަށް ވަރަށް އުނދަގޫވޭ. އެފަދަ މީހުންނަށް ބުނެލަން ބޭނުންވަނީ، އަހަރެންގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް. އަހަރެން ބޮޑު ދަރަނިވެރިއަކަށް ހެދި އަހަރެންގެ ފިރިމީހާ އާދިލް ނެގި ފައިސާތައް އަހަރެންގެ އެކައުންޓަށް ޖަމާކޮށްދީފިއްޔާ އަލުން ހަށިގަނޑު ނިވައިކޮށްދޭ ހެދުން ލާނަން. މިވަގުތު އެފަދަ ހެދުމެއް ލައިގެން އަހަރެންނަށް މަސައްކަތެއް ދޭނެ މީހަކު ނުވާނެ!،" ރާކީ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ރާކީ އިތުރަށް ބުނިގޮތުގައި މިކަމާ ގުޅިގެން އޭނާ ދަންނަ ގިނަ ދީނީ އިލްމުވެރިން ވަނީ އޭނާއަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފަ އެވެ. އަދި ނިވައިކަން ކުޑަ ހެދުންލުމަކީ މައްސަލައެއް ނޫން ކަމަށާއި، އެންމެ މުހިންމީ މުސްލިމަކަށްވުން ކަމުގައި ރާކީ ގާތު ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އިސްލާމް ދީނުގައި އަންހެނުން ހެދުން އެޅުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާއި ގުޅިގެން މިފަދަ އިބާރާތަކުން ވާހަކަދެއްކުމުން ދީނީ ގިނަ އިލްމުވެރިން މިކަމަށް ރައްދުދީ، ސޯޝަލް މީޑިއާގައި އާންމުން އިތުރަށް ހޭލުންތެރި ކުރުވާފައިވެ އެވެ.