ފުދުންތެރިކަން ނެތް މީހުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑުން ތިން އަހަރުގެ ތެރޭގައި 35.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު ސާފު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ސުވާލު ކުރެއްވުމުންނެވެ.

އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދޭ ފަރާތްތަކަށް ހަރަދު ކުރަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށެވެ.

ޒަކާތު ފަންޑުން ވޭތުވެދިޔަ 3 އަހަރު ބޭސްފަރުވާއަށް ހަރަދުކޮށްފައިވަނީ:

  • 2019: 22،578،835.77 ރުފިޔާ
  • 2020: 6،335،337 ރުފިޔާ
  • 2021: 7،023،499 ރުފިޔާ އެވެ.

ބޭސްފަރުވާގެ އިތުރުން ވެސް ޒަކާތު ފަންޑުން ކިޔެވުމަށާއި އެހެނިހެން ކަންކަމަށްވެސް އެހީ ދޫކުރެ އެވެ.