ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ޣާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ބިމުގައި ޕާކިން ޒޯނެއް ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ޣާޒީ ބިލްޑިންގް އަންނަ ޖޫން މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ތަޅާލާނެ ކަމަށެވެ. "މިހާރު އެ ދަނީ އެ އިމާރާތުގައި ހުރި ތަންތަން ހުސްކުރަމުން. އެއީ މިހާރު ބޮލަށް ވެއްޓެން ކައިރި ވެފައި ހުރި ތަނެއް،" އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޣާޒީ ބިލްޑިންގް ބޭނުންކުރުމަކީ މިހާރު ރައްކާތެރިކަމެއް ނޫނެވެ. ޣާޒީ ބިލްޑިންގްގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އޮޑިޓަ ޖެނެރަލްގެ އޮފީހެވެ.

ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފަ އެވެ. އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފަ އެވެ.