ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ފިލްމީތަރި ވަލީދާ ވަލީދު ގާސިމް އިބްރާހީމް ދޫކޮށް ރައީސް ސޯލިހަށް ތާއީދު ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގައި 12 އަހަރު ހޭދަކުރުމަށްފަހު އެޕާޓީ ދޫކުރަން ނިންމީ ގާސިމް އިބްރާހީމް ވަކިން ރިޔާސީ ރޭހަށް ނުކުންނަށް ނިންމެވުމާ ގުޅިގެންނެވެ. ވަލީދާ ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށާއި 5 އަހަރުގެ ތެރެއިން ރައީސަށް ލިބިވަޑައިގަތީ 3 އަހަރު ކަމަށެވެ. އޭނާ ވިދާޅުވީ ރައީސަށް ތާއީދު ކުރަން ނިންމީ ވަޒީފާގެ ދިފާއުގައި ނޫން ކަމަށާއި ރައީސަކީ އޭނާއަށް ވަރަށް ކަމުދާ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަކިން ވާދަކޮށް ޖޭޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަލީދާ އަކީ ކުރިން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ރައީސާކަން ދެދައުރު ކުރައްވާފައިވާ ބޭފުޅެކެވެ.

ގާސިމް އިބްރާހީމް ވަކިން ރިޔާސީ ޓިކެޓްގައި ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ރައީސް އޮފީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވެސް ވަނީ އެޕާޓީން ވަކިވެ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފަ އެވެ.