މަޝްހޫރު ހިންދީ ސީރިއަލްއެއް ކަމަށްވާ މަދޫބާލާގެ ލީޑު ރޯލުން ފެނިގެން ދިޔަ ވިވިއަން ޑިސެނާ އިސްލާމް ދީން ގަބޫލު ކުރިކަން އޭނާ ޔަގީން ކޮށްދީފި އެވެ.

ވިވިއަން ބުނީ 2019 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އޭނާއަކީ މުސްލިމެއް ކަމަށާއި ފަސް ވަގުތު ނަމާދު ކޮށްގެން ހިތަށް ހަމަޖެހުން ލިބޭ ކަމަށެވެ.

މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިވިއަން ވަނީ މިސްރުގެ ނޫސްވެރިއެއް ކަމަށްވާ އޭނާގެ އަންހެނުން ނޫރާން އަލީއާއެކު ހަތަރު މަހުގެ އަންހެން ކުއްޖަކު ލިބިފައިވާކަން ވެސް ހާމަކޮށްފަ އެވެ.

"އަހަރެންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދޭ. އަހަރެން އުފަންވީ ކްރިސްޓިއަން އާއިލާއަކަށް. މިހާރު އަހަންނަކީ މުސްލިމެއް." ވިވިއަން ބުންޏެވެ.

ވިވިއަން މިގޮތަށް ވާހަކަ ދައްކާފައިވަނީ އޭނާއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވެމުން އަންނަނިކޮށެވެ. ވިވިއަން ބުނީ މިއާއެކު އެ ވާހަކަތައް ޔަގީން ކޮށްދެވުނީ ކަމަށެވެ.

ހިންދީ ޓީވީ އިންޑަސްޓްރީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ވިވިއަން މިވަގުތު މަސައްކަތްތަކުން ދުރަށް ގޮސްފައިވާއިރު އޭނާއަކީ އޭނާގެ ޒާތީ ކަންކަން އާއްމުކުރާ މީހެއް ނޫނެވެ.