ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ޖުމްހޫރީ ޕާޓީއިން ވަކިވުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ އެކި ކަންކަމުގައި ބޭނުންކުރުމަށް ހަދާފައިވާ މީސްމީޑިއާ ގްރޫޕުތަކުން މިނިސްޓަރު މައުސޫމް މިރޭ ވަނީ ނުކުންނަވާފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން މިނިސްޓަރު މައުސޫމު ވެސް އަދި ޖުމްހޫރީ ޕާޓީއިން ވެސް ރަސްމީކޮށް އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެޕާޓީން ވަކިވުމަށް ނިންމާފައިވަނީ މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިގާބުގައި ވަކި ވާދަކުރެއްވުމަށް ޖޭޕީއިން ނިންމުމާ ގުޅިގެންނެވެ. އަދި ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.
ޖޭޕީ ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެފައިވާއިރު މިފަދަ ނިންމުމެއް އެންމެފުރަތަމަ ނިންމާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީން އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމި ދުވަހު، ކައުންސިލް ބައްދަލުވުމުގެ ތެރެއިން ސަމީރު ވަނީ ޕާޓީން ވަކިވާން ނިންމިކަން އިއުލާނުކުރައްވާފަ އެވެ.
އެފަހުން، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ވަނީ ޕާޓީން ވަކިވާން ނިންމިކަން އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވުމަށް ނިންމާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން ކަށަވަރުވެފައިވާއިރު ކެމްޕެއިންގެ ކަންކަންވަނީ ބޭފުޅަކާ ހަވާލުކޮށްފަ އެވެ. އެގޮތުން އިންތިޚާބުގެ ކެމްޕެއިން ޕްލޭންކުރުން ނުވަތަ ރޭވުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ އެވެ.