ފަހަކަށް އައިސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އާލިއާ ބާޓް ފާހަގަކޮށްލެވެ އެވެ.
ގިނަ ބައެއްގެ ލޯބި އާލިއާ ހޯދާފައިވާއިރު، އޭނާގެ ޒާތީ މައުލޫމާތުތަކާއި މަސައްކަތާ ގުޅުންހުރި މައުލޫމާތުތަކަކީ އާންމުން ބަލައި ހޯދަން ބޭނުންވާ މައުލޫމާތު ތަކެކެވެ.
ދާދި ފަހުން އާލިއާ ލަންޑަނުގައި އޭނާގެ 30 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، އުފަންދުވަސް ފާހަގަކުރުމަށްފަހު އިންޑިއާއަށް އައިސް އާލިއާ ވަނީ އޭނާގެ ޒާތީ ގިނަ ސިއްރުތައް އާންމުންނާ ހިއްސާކޮށްފަ އެވެ.
އެގޮތުން އާލިޔާ ބުނިގޮތުގައި، އޭނާއަކީ ބާޒާރު ކުރުމުގައި އެއްވެސް ތަޖުރިބާއެއް ނެތް މީހެކެވެ. އަންނައުނު ވިއްކާ ކުންފުންޏެއްގެ ވެރިއަކަށްވީ ނަމަވެސް، އަންނައުނު ބާޒާރުކުރުމަކީ ކުރަން ވަރަށް ފޫހިވާކަމެއް ކަމަށް އާލިއާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ތަކެތި ތަރުތީބު ކުރަން އާލިއާއަށް ވަރަށް އުނދަގޫ ކަމަށާއި، އާލިއާގެ ގޭގައި ގިނަ ތަކެތި ތަރުތީބެއް ނެތި އެކި ފަހަރުމަތިން ބެހެއްޓޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
އާލިއާ އިތުރަށް ބުނިގޮތުގައި އޭނާ އަކީ ނަސީބު ނަމްބަރަށް ވަރަށް ގަބޫލު ކުރާ މީހެކެވެ. އަދި އަބަދުވެސް ކަންކަމާ ވިސްނައި މީހުންނާ ސުވާލު ކުރާހިތްވާ މީހެއް ކަމަށް އޭނާ ބުންޏެވެ.
އާލިއާއަކީ ބޮލީވުޑްގައި ވިދަމުން އަންނަ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޑާލިންްސް" ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބަކަށް ވެފަ އެވެ.
އާލިއާގެ ފިލްމީ ކެރިއަރު އޭނާ ފެށީ 2012 ވަނަ އަހަރު ނެރުނު ކަރަން ޖޯހަރްގެ ފިލްމެއް ކަމަށްވާ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަކީ ވެސް ކާމިޔާބު ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.