ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަޑިޕުރުޝް"ގެ އާ ޕޯސްޓަރު އާންމުކޮށްފި އެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޕޯސްޓަރާއި ޓީޒާ މީގެ ކުރިން ނެރުނު ނަމަވެސް އާންމުންނަކަށް ޕޯސްޓަރާއި ޓީޒާ ކަމުގޮސްފައެއް ނުވެ އެވެ.

އެގޮތުން ޓީޒާއިން ފެނުނު ފިލްމުގެ ޑައިލޮގްތަކަށް އާންމުން ފާޑުކިޔާފައިވާއިރު، ފިލްމުގެ އެޑިޓިން ކޮލިޓީ ވެސް ކަމުނުދާކަން އާންމުން ފާހަގަކޮށްފައިވެ އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ފިލްމުގައިވާ އެކި ބައިތައް އަލުން އެޑިޓްކުރުމަށްފަހު ނެރުމަށް ނިންމާފަ އެވެ. ފިލްމު ނެރޭނެ ދުވަސް ޕްރޮޑަކްޝަނުން ލަސްކުރުމާއި ގުޅިގެން ފޭނުން ވަނީ ދެން ނެރޭ ބައިތައް ފުރިހަމަވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

އެއާއެކު މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ފިލްމު ނެރެން ޕްރޮޑަކްޝަނުން ވަނީ ނިންމާފަ އެވެ. އަދި މިފަހުން އާންމުކުރި ފިލްމުގެ ޕޯސްޓަރަށް ދަނީ އާންމުންގެ ތަރުހީބު ލިބެމުންނެވެ.

މި ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓު މަހުގަ އެވެ. އޭގެ ފަހުން ފިލްމް ރިލީޒްކުރާ ތާރީހު މިއަހަރުގެ ޖެނުއަރީ އަށްވެސް މީގެ ކުރިން ބަދަލުކޮށްފައިވެ އެވެ.