އަލްވަދާއުކި 2020 ވަނަ އަހަރަކީ އެތައް ގޮތަކުން ތަފާތުވި އަހަރެކެވެ. އަހަރު ފެށިގެން އައިއިރު އަހަރެމެންގެ އުންމީދުތައް ހުރީ އަރާ އާސްމާނުގަ އެވެ. އެހެން ނަމަވެސް ދުނިޔެ މައްޗަށް ނެގި ކޮވިޑު-19ގެ ކޮޅިގަނޑުގައި ޖެހި ހުރިހާ ހުވަފެންތައް ވިއްސިވިހާލިވެ އެތައް ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އަ އެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި ލައްކަ މަންޒަރެއް ފެނިއްޖެ އެވެ. ވަޒީފާތައް ގެއްލި ބިލްތައް ނުދެއްކި އެތައް މީހުންނެއް މަގުމަތި ވެސް ވި އެވެ. ދިރިއުޅުމުގެ ހަރަދުބަރަދު އަތްނުފޯރާ ފަށަށް ގޮސް އެތައް އާއިލާއެއް ވަނީ އަމިއްލަ ރަށަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. މި ހާލަތުގައި އެ ފަރާތްތަކަށް އެހީވި މީހުންގެ ފަރާތުން ފެނިގެންދިޔައީ އިންސާނިއްޔަތު ކަމުގެ ލާމަސީލު ނަމޫނާ އެކެވެ. ހަމަ އެއާއެކު އެމީހުން ބިކަ ކޮށްލި މީހުން ފެނި އެހާ ވިޔާނުދާ މީހުން ވެސް އަހަރެމެންގެ ތެރޭގައި އުޅޭކަން ހާމަވެ، ހައިރާންވި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް 15 ވަނަ ދުވަހު މާލެ ސަރަހައްދުން ކޮވިޑު-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން ލޮކްޑައުންއަކަށް ދިޔަ އެވެ. އޭގެ ކުރިން އަޑުއިވިފައި ވަނީ އެހެން ގައުމުތަކުގެ ވާހަކަ ތަކެވެ. ލޮކްޑައުންއޭ ބުނުމުން އެއީ ކިހާވަރެއްގެ ކަމެއް ކަން އެގުނީ އެކަން ތަހައްމަލު ކުރަން ޖެހުމުންނެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް މިކަން ވެގެންދިޔައީ ބޮޑު ވޭނަކަށެވެ.

ކުދި ކުދި ކޮޓަރިތަކުގައި ނުކަތާ ވަރަށް މީހުންނާ އެކީ ލޮކްޑައުންވެ މަސައްކަތް ކޮށް ފައިސާ ހޯދާނެ މަގު ބަންދުވި އެވެ. އޭގެ މަހެއް ފަހުން މާލޭގައި ކޮވިޑުގެ ހާލަތު ކިރިޔާ ކޮންޓްރޯލްވި ތަނާ އަވަސް އަރުވާލައިގެން ލޮކްޑައުން އުވާލީ ވެސް މިި ސަބަބަށްޓަކައި ކަމަށް ގަބޫލުކުރެވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ ރަންބިސް އަޅާ

ރަންބިސް އަޅާ ކުކުޅު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް އިނދަޖެހުނެވެ. މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ބޯޑަރުތައް ބަންދުކޮށް ދައުލަތުގެ އާމްދަނީ ވެސް އިންތިހާއަށް ދަށްވި އެވެ.

އެހެން ނަމަވެސް ދުނިޔޭގެ ކޮވިޑް ހާލަތު މަޑުމަޑުން ރަނގަޅުވެ މީހުންނަށް މިވަނީ މިއާއި އެކު އައު އާންމު ހާލަތެއްގައި އުޅެން ދަސްވެފަ އެވެ. އެއާއެކު ދުނިޔޭގެ އިގްތިސާދީ ހާލަތު ވެސް މިދަނީ ރަނގަޅު ވަމުންނެވެ.

މިއަހަރު އެންމެން ވެސް އުންމީދުކުރި އެއްކަމެއް ވެ އެވެ. އެއީ ކޮވިޑަށް ވެކްސިނެކެވެ. ސިއްހީ ދާއިރާގެ މީހުން ކުރި ބުރަ މަސައްކަތުން ވެކްސިނެއް މިވަނީ ލިބިފަ އެވެ. އެއާއެކު 2021 ވަނަ އަހަރު އަހަރެމެންނަށް ކުރެވޭ އެންމެ ބޮޑު އުންމީދަކީ އެ ވެކްސިން އަހަރެމެންނާ ހަމައަށް އައިސް، މި އާލަމީ ވަބާއިން މިންޖުވުމެވެ.

ވިހި ވިއްސަށް އަލްވަދާއު ކިޔާއިރު ވަރުބަލިކަމެއް ނެތި ކޮވިޑް-19 އިން ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރި ސިއްހީ ހިދުމަތްތެރިންނަށް އައްސަރިބަހާއި ސާބަސް ދެމެވެ.

އުންމީދަކީ މި ފެށުނު 2021 ވަނަ އަހަރަކީ މި ނިމުނު 2020 ވަނަ އަހަރު ވެއްޓުނު އަދަވަޅުތަކުން އަރައިގަނެ، ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ އަހަރަކަށް ވުމެވެ.