އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ މިހާރު އަންނަނީ މުޅި ދުނިޔޭގައި ވެސް އެ މީހުންގެ އަސްލު ހުނަރު ދައްކާލަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި ވެސް ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ނެރެފަ އެވެ.

އެގޮތުން ސައުތު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައި ވަނީ އެކްޝަން ކޮމެޑީއަން ފިލްމުތަކަށެވެ. އެގޮތުން ސައުތު ފިލްމުތަކުގައި ފެނިގެން ދިޔަ ކުރީގެ ތަރިންނާ އެއްވަރަށް ފަހުގެ ތަރިން ވެސް އަންނަނީ މި ދާއިރާގައި ފައިތިލަ ސާބިތު ކުރަމުންނެވެ.

އެގޮތުން އައްލޫ އަރްޖުން އަކީ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި 20 އަހަރު ހޭދަކޮށްފަ އެވެ. ތަފާތު އެތަކެއް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އައްލޫ އަރްޖުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކީ "ޕުޝްޕާ: ދަ ރައިޒް" އެވެ. މިފިލްމުގެ ސަބަބުން އޭނާ މަގުބޫލުކަން އިތުރުވެގެން ދިޔަ އެވެ.

ފިލްމީ ދާއިރާގައި 20 އަހަރު ފުރުމުގެ މުނާސަބަތުގައި އައްލޫ އަރްޖުން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ނޯޓެއް ސަޕޯޓަރުންނަށް ދޫކޮށްލާފަ އެވެ.

މިނޯޓުގައި އައްލޫ އަރުޖުން ބުނެފައިވަނީ އާންމުން ފަރާތުން ލިބެމުން ދާ ލޯތްބާއި ތަރުހީބަށް އިންތިހާއަށް ޝުކުރުވެރިވާކަމަށާއި ކުރިޔަށް އޮތް ތަނުގައި ލިބެމުންދާ ލޯތްބާއި ތަރުހީބު އިތުރުވާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

"އަހަރެން މިއަދު މި ހިސާބަށް އައިސް މިހުރީ ހަމަ ސަޕޯޓަރުންގެ ސަބަބުން. އަހަރެން އެ ސަޕޯޓަރުންނައް އަބަދަށްޓަކައި ޝުކުރުވެރިވަން" އައްލޫ އަރްޖުން ބުނެފައިވެ އެވެ.

މީގެ 20 އަހަރު ކުރިން، 2003 ވަނަ އަހަރު އައްލޫ އަރްޖުން ފުރަތަމަ ފަހަރަށް ބަޠަލެއްގެ ގޮތުގައި ފެނިގެން ދިޔައީ ރޮމޭންޓިކް ފިލްމު ގަންގޯޓްރީ އިންނެވެ. އައްލޫ އަރްޖުން ޓެލެގޫ ސިނަމާއަށް ފުރަތަމަ ތައާރަފްވިއިރު އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ. މި ފިލްމަކީ ބްލޮކްބަސްޓާ ކާމިޔާބީއަކަށް ވެގެން ގޮސް އެކްޓަރެއްގެ ގޮތުގައި އޭނާއަށް މަގު ފަހިކޮށްދިން ފިލްމެކެވެ.

https://www.instagram.com/p/CqUf-KZymqV/?utm_source=ig_embed&ig_rid=fc321d87-101a-4a0b-bfe8-2cbe23cfbce6

ކުރިއަށް އޮތް ޕްރޮޖެކްޓްތަކަށް ބަލާއިރު އޭނާ އަވަދިނެތި އުޅެނީ އޭނާގެ ބްލޮކްބަސްޓާ ފިލްމު "ޕުޝްޕާ: ދަ ރައިޒް"ގެ ސީކުއެލްގެ މަސައްކަތުގަ އެވެ.

ޕުޝްޕާ: ދަ ރޫލްގެ ފުރަތަމަ ޕްރޮމޯ ރިލީޒް ކުރާނީ އައްލޫ އަރުޖުންގެ އުފަންދުވަސް ކަމަށްވާ އޭޕްރީލް 8 ގަ އެވެ.