މިއަދު ހެނދުނު މާލެ އަށް ވެހުނު ބޯ ވާރޭގައި ވަރަށް ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

މި ވާރޭގެ ސަބަބުން އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނުގެ އެކި ސަރަހައްދުތަކުގަ އެވެ. އެގޮތުން ބައެއް ފިހާރަތަކަށާއި ގެތަކަށް ވެސް ފެން ވަދެ މުދަލާ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ވެފަ އެވެ.

ހެނދުނު 7:30 ހާއިރުން ފެށިގެން ބޯކޮށް ވެހުނު ވާރޭ ހުއްޓާލިއިރު މާލޭގައި އާއްމުކޮށް ފެންބޮޑުވާ ގިނަ މަގުތަކެއްގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން، އަމީނީ މަގާއި އައިޖީއެމްއެޗް ހުންނަ ކަނބާއައިސަ ރަނި ހިނގުމުން ފެށިގެން އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ.

ފެން ބޮޑުވި ކަނބާއައިސާރަނި މަގަކީ އާރްޑީސީން ދާދިފަހުން ހަދާ ނިންމާފައިވާ މަގެކެވެ. އަދި އަމީނީ މަގުގައި ވެސް އެންމެ ފަހުން ހަދާ ނިންމި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަގުތަކުގެ ފެންވަރާ ގުޅޭގޮތުން ފާޑު ކިޔަމުންނެވެ.

އެމްއެންޑީއެފުން ބުނީ ފެން ހިންދުމުގެ މަސައްކަތް އެ އިދާރާއިން ފަށާފައިވަނީ މިއަދު ހެނދުނު 8:31 ހާއިރު ކަމަށެވެ.

އެގޮތުން މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ހަތަރު ސަރަހައްދަކީ އެ އިދާރާއިން ބުނިގޮތުގައި ވެސްޓްޕާކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި އެވެ.

ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރި ނަމަވެސް އަދި ވެސް މާލޭގެ ބޮޑުބައެއް އޮތީ ފެނު އަޑީގަ އެވެ.