ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕްރިޔަންކާ ޗޯޕްރާގެ ބަހުގެ ހަމަލާތަކެއް އަނެއްކާވެސް އިންޑިއާގެ އެންމެ ބޮޑު ފިލްމީ ދާއިރާއަށް އަމާޒުވެއްޖެ އެވެ.

އެގޮތުން މިފަހަރު ޕްރިޔަންކާ ބުނީ އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށާއި އޭނާއަށްޓަކައި ފިލްމު ހަދައިދޭނެ "ބޮޑުބޭބެ"އަކު ނުހުންނަ ކަމަށެވެ.

މި ބުނުމުން ޕްރިޔަންކާ ބުނަން މަސައްކަތް ކޮށްފައިވަނީ ބޮލީވުޑްގެ އަަރަމުން އަންނަ ބައެއް ތަރިން އާއިލާގެ ބާރުގެ އެހީގައި ފިލްމުތައް ހޯދަމުންދާ ކަމަށެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ 2008 ވަނަ އަހަރު ނެރުނު މަޖައްލާއެއްގައި އޭނާގެ ފޮޓޯ ޖަހައި، އެ ފޮޓޯގެ މަތިން "ނިމުނީތަ" މިހެން ޖަހާފައިވާ ކަމަށެވެ.

މިއާއެކު ބޮލީވުޑްގައި އޭނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އަމިއްލަ ނަފްސު ސާބިތު ކޮށްދިނުމަށްޓަކައި ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހުނު ކަމަށެވެ.

ޖެހިޖެހިގެން އޭނާގެ ހަ ފިލްމު ފްލޮޕްވި ކަމަށް ބުނަމުން ޕްރިޔަންކާ އިތުރަށް ބުނީ އޭގެ ސަބަބުން އޭނާގެ ކުރިމަގާމެދު ސުވާލު އުފެދި އެހެން ގޮތްގޮތް ވެސް ހޯދަން އުޅުނު ކަމަށެވެ.

ބޮލީވުޑް ދޫކޮށް ހޮލީވުޑްގެ މަސައްކަތްތައް ކުރަމުން އަންނަ ޕްރިޔަންކާ ދާދިފަހުން ވަނީ ބޮލީވުޑްގައި ކޮރަޕްޝަން ވަރަށް ބޮަޑަށް އޮންނަ ކަމަށް ވެސް ބުނެފަ އެވެ.

ޕްރިޔަންކާ އިނގިރޭޔި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނިކޮށް ދަރިއަކު ލިބިފައިވާއިރު އެއާއިލާ މިވަގުތު އުޅެނީ ދަތުރެއްގައި އިންޑިއާގަ އެވެ.