ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ފޭކް މެސެޖުތަކެއް ދައުރުކުރަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފި އެވެ.
ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމަށާއި، މިކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށްވެސް ފުލުހުންވަނީ އެދިވަޑައިގަންނަވާފަ އެވެ.
ރޯދަ މަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ކުންފުނިތަކުން އަދި ވިޔަފާރިތަކުން އެކި އިނާމް ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންދެ އެވެ. އެހެންނަމަވެސް މިފަދަ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގައި އިނާމު ލިބޭ ގޮތާއި އަދި އިނާމު ލިބުމުން އެކުންފުންޏަކުން އަމަލުކުރާ އުސޫލު ބެލުމަކީ ޕްރޮމޯޝަންގައި ބައިވެރުވުމުގެ ކުރިން ބެލުން މުހިއްމުކަމެކެވެ.
އޮޅުވާލައިގެން އެކި މުވައްސަސާތަކުގެ ނަމުގައި ގުޅައި އަދި މެސެޖްކޮށްގެން ފައިސާ ހޯދާ މައްސަލަ ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. ކުންފުނިތަކުގެ ނަމުގައި ފޮނުވާ ލިންކުތަކާއި، ކުރާ ސްކޭމް ކޯލްތަކުގައި އަމިއްލަ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.